ވިޔަފާރި

ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހޯމަ ދުވަހަށް ހަމަވާނެ


ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ"ގައި ބައިވެރިވުމުގެ ފުރުސަތު މިމަހު ހަމަވާނެއެވެ.

މި އެކްސްޕޯގައި 2 ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެއީ ވާދަކުރުމުގެ ބައިންނާއި ޑިސްޕްލޭ ކުރުމުގެ ބައިންނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ވާދަކުރުމުގެ ބައިން ތަކެތި ހުށައަޅާ ފަރާތްތަކުން އަންނަ މަހުގެ 16 އިން ފެށިގެން 31 ގެ ނިޔަލަށް ތަކެތި ހުށައަޅަންޖެހޭނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބާއްވާ މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދީ، ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ފަންނު އެކްސްޕޯ ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ފަންނު އެކްސްޕޯއިން ހޮވޭ އެންމެ ރަނގަޅު 5 ފަރާތަކަށް ވިޔަފާރިއެއް ފަށަން އެހީވާނެކަން އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި މައުރަޒުގައި ބައިވެރިވެވޭ ދާއިރާތަކަކީ ވަކިވަކި ފަރުދުންގެ ދާއިރާއާއި ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި ވިޔަފާރިތަކުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ތަޢުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ އިތުރުން ކްލަބު ޖަމިއްޔާތަކުގެ ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު ހިމެނެއެވެ.