ވިޔަފާރި

20 ފީފާ ތެޔޮ ދިނުމަށް ހަމަޖައްސާފައިވަނީ 10 ޓަނަށް ވުރެ ބަރުކޮށްގެން އަންނަ ދޯނިފަހަރުތަކަށް


ރާއްޖޭގެ އުތުރުން ބާނާ މަސް ކޫއްޑޫއަށް ކިރުވާއިރު، 20 ފީފާ ތެޔޮދިނުމަށް ހަމަޖައްސާފައިވަނީ 10 ޓަނަށް ވުރެ ބަރުކޮށްގެން އަންނަ ދޯނިފަހަރުތަކަށްކަމަށް މިފްކޯއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާޢިލް ފައުޒީ ވިދާޅުވީ ފެލިވަރުގައި މަސް ކިރުވައި ސްޓޯރކުރުމުގެ ކެޕޭސިޓީ ނެތުމާއެކު ފާއިތުވި ދުވަސްތަކުގައި ކުންފުނިން މިކަން މެނޭޖްކުރީ ކޫއްޑޫގެ ބޯޓުފަހަރުތައް އުތުރަށް ގެނެސްގެންކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 235 ޓަނު މަސް ކޫއްޑޫގެ ބޯޓުފަހަރުތަކުން ނަގާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އުތުރުގައި މިހާރު މަސްވެރިކަން ތިޔާގިވެފައިވުމާއެކު ކިޔު ދިގުވެ، މަސްވެރިން ގިނަ ދުވަހު ކިޔުގައި ތިބެން ޖެހުމަކީ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވާކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި މިކަމަށް ލުޔެއް ގެނައުމަށް 10 ޓަނަށް ވުރެ ގިނައިން މަސް ބާނައިގެން އަންނަ ދޯނިފަހަރުތަކަށް 20 ފީފާ ތެޔޮ ދިނުމަށް މިފްކޯއިން ނިންމާފައިވާކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ.

"އިއްޔެގެ ނިޔަލަށް އަޅުގަނޑުމެން ކިޔު ތަރުތީބުން ބަލާކަމަށްވަންޏާ 178 ޓަނު، އެއީ ގާތްގަނޑަކަށް 35 ދޯނި. މިއަދުގެ ނިޔަލަށް 10 ދޯނީގައި 44 ޓަނު އެބަހުރި. ކިޔުގައި ގިނަ ދުވަހު ތިބެން ޖެހުމުން ކޮލިޓީ ވެސް ދަށްވޭ. އެހެންވީމަ މިފްކޯ ބޯޑުން ނިންމީ ގާތްގަނޑަކަށް 10 ޓަނަށް ވުރެ އިތުރަށް ހުރި ދޯނިފަހަރަށް ލުޔެއް ދިނުމުގެ ގޮތުން ކޫއްޑުއަށްދާކަމަށް ވަންޏާ އަޅުގަނޑުމެން 20 ފީފާ ތެޔޮ ދިނުމަށް. އަދި އަޅުގަނޑުމެން ހުޅުވާލި ފުރުސަތަށް އެއްވެސް ދޯންޏެއް އެދިފައެއް ނުވޭ. ނަމަވެސް މި ފުރުސަތު މިމަހުގެ 28އާއި ހަމައަށް ހުރިހާ ދޯނިފަހަރަށް އެބައޮތް." އިސްމާޢިލް ފައުޒީ ވިދާޅުވިއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ދަނީ އެ ކުންފުނީގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސްވެރިން ބާނާ މަސް ގަންނަމުންނެވެ. އެގޮތުން ކުރިން ދުވާލަކު ފަސްދޮޅަހެއްހާ ޓަނުގެ މަސްގަންނަ ފެލިވަރަށް، އިތުރު ބޯޓުތައް ގެންގޮސްގެން މިދުވަސްވަރު ދުއިސައްތައެއްހާ ޓަނުގެމަސް ކިރުވާކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރުގައި ކެޕޭސިޓީ ދަށްވުމާއެކު އުތުރުން ބާނާ މަސް ބޮޑެތި ކަލެކްޓަރ ވެސަލްތަކުގައި ގެންދަން ޖެހެނީ ދެކުނުގައި އޮންނަ ގއ. ކޫއްޑޫއަށެވެ. ކޫއްޑޫއިން ފެލިވަރާއި ހިސާބަށް އައުމާއި ދިއުމުގައި އެންމެ މަދުވެގެން ކޮޅަކަށް 48 ގަޑިއިރު ނަގާއިރު މިކަމުގެ ސަބަބުން ފެލިވަރުގައި އޮންނަ ކިޔު ދިގުވެ މަސްވެރިކަން ތިޔާގި ދުވަސްވަރު މަސް ހަލާކުވުމަށްވެސް މެދުވެރިވެއެވެ. މިކަމާއި ގުޅިގެން މަސްވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް މިފްކޯއަށް ކުރިމަތިވަމުންދާއިރު މިފްކޯއިން ބުނީ މިކަން ހައްލުކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކެއް އެކުންފުނިން ކުރަމުންދާކަމަށެވެ.