ޚަބަރު

ފަލަސްތީނަށް ރާއްޖޭން ކުރާ ތާއީދަށް ބަދަލެއް ނާންނާނެ - ރައީސް


ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ގެނެވޭނީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް، ޢަރަބި ޤައުމުތަކާ އިސްރާއީލާދެމެދު ހަރުދަނާ މަޝްވަރާތަކެއް ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އދގެ 74ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުން ރައީސް ޞާލިޙްވަނީ ޒަމާނުއްސުރެ ދިވެހިރާއްޖެއިން ފަލަސްޠީނުގެ މިނިވަންކަމުގެ ހައްޤުގައި ވަކާލާތުކުރާކަން ފާހަގަކުރައްވައި ރާއްޖެއިން އަބަދުވެސް ފަލާސްޠީނާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ފަލަސްޠީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އދގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޢާންމު މަޖިލީހާއި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް އަރައިގަނެ، ފަލަސްޠީން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.

އިސްރާއީލުގެ ހަރުކަށި އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ 1967ވަނަ އަހަރު އުފެދުނު ފަލަސްޠީނުގެ ސަރަޙައްދީ ރޮނގު ޤަބޫލުކޮށް، ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހަމަޖައްސައި ފަލަސްޠީނުގައި މިނިވަން މުސްތަޤިއްލު ދަޢުލަތެއް އުފައްދަން އެ ޤައުމުންކުރާ މަސައްކަތްތަކާއި އެ ޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށެވެ.

ރައީސް ޞާލިޙްގެ ތަޤްރީރުގައި އެމަނިކުފާނުވަނީ ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އދއަކީ ހުރިހާ ޤައުމުތަކަށްވެސް ބޭނުންތެރި ޖަމްޢިއްޔާއެއްކަމަށާއި އދގެ މަސައްކަތްތައް އެންމެ ބޮޑަށް ބޭނުންވަނީވެސް މިއަދު ދިމާވަމުންދާ އާދަޔާޚިލާފު މައްސަލަތައް މަޝްވަރާކޮށްގެން ޙައްލު ކުރުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.