ޚަބަރު

"ޢަދުލުއިންސާފާ ނުލައި ތަރައްޤީ ނުގެނެވޭނެ"


އަދުލުއިންސާފާ ނުލައި ތަރައްޤީ ނުގެނެވޭނެކަމަަށް އދގެ ޢާންމު މަޖިލީހުގައި ކުރެއްވި ތާރީޚީ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އދގެ ޢާންމު މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުން އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދގެ 74ވަނަ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސް ޞާލީޙް ވިދާޅުވީ ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަކުރުމުގެ ދަތުރުފެށިފައިވާކަމަށެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވަނީ ކުޑަ ޒިންމާއެއް ނޫންކަމަށާއި ހެޔޮވެރިކަމެއް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ރާއްޖޭގައި އަދުލުއިންސާފު ޤާއިމްކުރެއްވުމަށް ޚާއްސަ އިސްލާޙީ މަސައްކަތްތަކެއް ފައްޓެވީ އަދުލުއިންސާފާ ނުލައި ތަރައްޤީ ނުގެނެވޭނެތީކަން އެމަނިކުފާނުގެ ތަޤުރީރުގައި ތަފުޞީލުކޮށްދެއްވިއެވެ. އެގޮތުން، އިންސާނީ ހައްޤުތަކާއި ކަރާމާތް ނެގެހެއްޓުމާއި ކޮރަޕްޝަނާއި ފަސާދައިން ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުގެ ހުރިހާ ފަންތިއެއްގައި މަސައްކަތްކުރެވެމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ފުލުހުންނާއި ދައުލަތުގެ އެނޫންވެސް މުވައްސަސާތަކުގެ ކަންކަން ހަރުދަނާކުރުމަށް އިސްލާޙީ ޕްރޮގްރާމްތައް ހިންގަންފަށައި ޝަރުޢީ ނިޒާމު ޒަމާނީކުރެއްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. މީހެއިތުރުން، ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި ވެށި ޙިމާޔަތްކުރެއްވުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލުތައްވެސް ޙިއްޞާކުރެއްވިއެވެ.

2008ވަނަ އަހަރު ރާއްޖެއިން ފެށި ޑިމޮކްރަސީގެ ދަތުރުގައި މިހާތަނަށް ޑިމޮކްރަސީއާ ބީރައްޓެހި ސިފަތަކެއްވެސް ފެނިގެން ދިޔަކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙްވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ކުރިން ބައްޓަންކުރެވިފައިވާގޮތުގެ ސަބަބުން އެހެން ޤަމުތަކާއެކު ޤާއިމުވެފައި އޮތް ގުޅުމަށް އައި ހިނަރުކަންވެސް ފާހަގަކުރައްވާފައެވެ. ޚާއްސަގޮތެއްގައި، ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުގެ ސަބަބުން ރާއްޖެއަށް އައި ހީނަރުކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތާ އަލުން ގުޅެން މިހާރުގެ ސަރުކާރުން ނިންމެވުމާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުން ލިބި ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުންދާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

193 ޤައުމުގެ އިސްވެރިން ތަޤްރީރުކުރެއްވުމަށް ފުރުޞަތު ލިބޭ އދގެ ޢާންމު މަޖިލީހުގައި ރައީސް ޞާލިޙް ތަޤުރީރުކުރެއްވީ 6ވަނައަށެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށްފަހުއެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އދގެ ޢާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުޙިންމު ފުރުޞަތެކެވެ. އދގެ ޢާންމު މަޖިލީހަކީ ދުނިޔޭގެ އިސްވެރިންގެ މެދުގައި ބާއްވާ ނިސްބަތުން އެންމެ ބޮޑު ބައްދަލުވުމެވެ.