މިމަހުގެ 23ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުން މާލޭޖަލު އެނެކްސް އަށް ޒިޔާރަތްކުރިއިރު އެތަނުގައިތިބީ ކަނޑުގަދަވެގެން ފުރވާނުލެވި ތިބި ގައިދީންތަކެއްކަމަށާއި މިކަމާގުޅޭގޮތުން އެކޮމިޝަނުން ހާމަކުރައްވާފައިވަނީ ތެދު މައުލޫމާތު ނޫންކަމަށް ކަރެކްޝަނަލް ސަރވިސުން ހާމަކޮށްފިއެވެ.
ކަރެކްޝަނަލް ސަރވިސުން މިކަން ހާމަކުރައްވާފައިވަނީ ޤައިދީން ބައިތިއްބަން ރަނގަޅުނޫންކަމަށްބުނެ ބަންދުކުރަން އަންގާފައިވާ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ މާލޭޖަލު އެނެކްސްގައި 25 ޤައިދީއަކާއި ބަންދުމީހެއް ބަންދުކޮށްފައި ތިބިކަން ފާހާގަކޮށް 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެނެކްސްގައި ތިބި ޤައިދީންނާއި ބަންދުމީހުން ރައްކާތެރި މާޙައުލަކަށް ބަދަލުކޮށް، އެ ޖަލުގައި އެއްވެސް ޤައިދީއަކުވެސް އަދި ބަންދުމީހެއްވެސް ބަންދު ނުކުރުމަށް އަންގައި ހިއުމަންރައިޓްސް ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނާއި ގުޅިގެންނެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މާލޭޖަލުގެ އެނެކްސްގެ ޙާލަތު ބެލިބެލުމުން، އެތަން ބަންދުކުރުމަށް މި ކޮމިޝަނުން މިދިޔަ އެޕްރީލް މަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެންގުމުން 2019 އެޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލޭ ޖަލު އެނެކްސް ބަންދުކޮށްފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން އެންގިނަމަވެސް އިއްޔެ އެކޮމިޝަނުން މާލޭޖަލު އެނެކްސްއަށް ޒިޔާރަތްކުރިއިރު، އެ ތަނުގައި 25 ޤައިދީއަކާއި ބަންދުމީހެއް ބަންދުކޮށްފައި ތިބިކަން ފާހަގަކުރެވުނުކަމަށެވެ.
އަދި އެޖަލު ބަންދުކުރުމަށް އެ ކޮމިޝަނުން ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ޙާލަތަށްވުރެ، އެތަނުގެ ޙާލަތު ދަށްކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން މާލެ ޖަލު އެނެކްސްގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސްބޯވެފައި ހުރުމާއި، ގޮޅިތައް ސާފުތާހިރު ނޫންކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން މި މައްސަލައިގައި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެނެކްސްގައި ތިބި ޤައިދީންނާއި ބަންދުމީހުން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، މާލޭ ޖަލު އެނެކްސް ގައި އެއްވެސް ޤައިދީއެއް އަދި ބަންދުމީހެއް ބަންދު ނުކުރުމަށް މި ކޮމިޝަނުން ވާނީ އަންގާފައެވެ.
މި ނޫސްބަޔާނާއި ގުޅިގެން ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ، ހިއުމަންރައިޓްސް ކޮމިޝަނުްނ އިއްޔެ މާލޭ ޖަލު އެނެކްސްއަށް ޒިޔާރަތްކުރި އިރު އެތަނުގައި ތިބީ ކޯޓަށް ހާޒިރުކުރުމަށާއި، ޑޮކްޓަރަށް ދައްކަން ގެނައި ގައިދީންތަކެއްކަމަށާއި، އެމީހުން އެތަނުގައިތިބީ ކަނޑުގަދަވެ، ޔެލޯއެލާޓް ނެރެފައިވާތީ ފުރުވާނުލެވި ތިބި ގައިދީންތަކެއްކަމަށެވެ.
އެސަރވިސުން ބުނީ މާލޭ ޖަލު އެނެކްސް ބަންދުކޮށްފައި ހުރިނަމަވެސް އެކި ބޭނުންތަކަށް މާލެ ގެންނަ ގައިދީން ކެއުމަށާއި އެނޫންވެސް ބައެއްކަންކަމުގައި މާލޭގައި މަޑުކުރާ ވަގުތުކޮޅަށް ރިމާންޑު ޖަލެއްގެ ގޮތުގައި ބޭނުންކުރި މާލޭ ޖަލު އެނެކްސްގައި ބައިތިއްބާކަން ހިއުމަންރައިޓްސް ކޮމިޝަނަށްވެސް އަންގާފައިވާނެކަމަށެވެ. އަދި އެންމެ ފަހުން އެތަން ބަލަން ހިއުމަން ރައިޓްސް ކޮމިޝަނުގެ އޮފިޝަލުންއައުމުންވެސް އެތަނުގައި ގައިދީން ތިބެންޖެހުނު ސަބަބު ކިޔައިދީފައި ވަނީކޮށް އެފަދަ ބާޔާނެއް އާންމުކޮށްފައިވާތީ ކަރެކްޝަނަލް ސަރވިސުންވަނީ އެމައުލޫމާތު ތެދުނޫންކަން ހާމަކުރައްވާފައެވެ.