ޚަބަރު

މާދަމާ މުދަލުޒަކާތް ބަހަން ފަށަނީ


މިއަހަރުގެ މުދަލުޒަކާތް މާދަމާ ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއަހަރު ގެ މުދަލުގެ ޒަކާތް ބަހަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ހޯމަ ދުވަހުގެ ނިއަލަށް ކޮންމެ ދުވަހެއްގެ ހެނދުނު ނުވަގަޑި ތިރީހުން ފެށިގެން މެންދުރު ފަހު ސާދަ ގަޑި ތިރީހާ ހަމައަށް މުދަލުގެ ޒަކާތް ބެހެމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެއަފއަރޒުން ވިދާޅުވެއެވެ.

މާލެ ސިޓީގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި މުދަލުގެ ޒަކާތް ބަހާނެ ދުވަސް ކަނޑައަޅާނީ އެރަށުކައުންސިލުންނެވެ.

މިއަހަރު މުދަލުގެ ޒަކާތް ބަހަމުންދަނީ ބޮލަކަށް 2000 ރުފިޔާ ގެ މަގުންނެވެ.
މާލޭ ސިޓީގައި 1719 ފަޤީރުންނާއި މިސްކީނުން ރަޖިސްޓްރީވެފައިވާކަމަށް އިސްލާމިކް މިނިސްތްރީން ވިދާޅުވެއެވެ.
މިއހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހުން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހަތަރުހާސް ހަސަތޭކަ ހަތްދިހަ ހަ ރުފިޔާ ހަތްދިހަ ލާރިއެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުން ދެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހިންކަމަށެވެ.

ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 ދޭއް ޕޮއިންޓް ފަހެއް އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.