 
										
			ރާއްޖޭގެ އުތުރުން ބާނާ މަސް ކޫއްޑޫއަށް ކިރުވަންދާ މަސްވެރިންނަށް 20 ފީފާ ތެޔޮދިނުމަށް އެސް.ޓީ.އޯއިން ނިންމައިފިއެވެ. 
ރާއްޖޭގެ އުތުރުން ބާނާ މަސް ކޫއްޑޫއަށް ކިރުވަންދާ މަސްވެރިންނަށް 20 ފީފާ ތެޔޮދިނުމަށް އެސް.ޓީ.އޯއިން ނިންމި ނިންމުމާގުޅޭގޮތުން އެކުންފުނިން ވިދާޅުވީ މިދުވަސްވަރު އުތުރުގައި މަސްވެރިކަން ރަނގަޅުވުމުން ދެކުނުގެ މަސްވެރިންވެސް އުތުރުން މަސް ބާނައިގެން އަނބުރާ ދެކުނަށް މަސްކިރުވަން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ކޫއްޑުއަށް މަސްކިރުވަންދާ މަސްވެރިންނަށް އިއްޔެއިން ފެށިގެސް 20 ފީފާ ތެޔޮ ދޫކުރަމުންދާކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ. 
އެސްޓީއޯއިން ވިދާޅުވީ މިއީ ގިނައިން ތެޔޮ އަންދައިގެން މަސްކިރުވަން ދާންޖެހޭޖެހުމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދޭ އިނާޔަތެއްކަމަށެވެ. 
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން އަންނަނީ އެ ކުންފުނީގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސްވެރިން ބާނާ މަސް ގަންނަމުންނެވެ. އެގޮތުން މިދުވަސްވަރު ރާއްޖޭގެ އުތުރަށް ބާނާ މަސް ޅ.ފެލިވަރަށް ކިރުވުމުގައި އެރަށުގައި އެކަށީގެންވާ ސްޓޯރޭޖް ފެސިލިޓީއެއް ނެތުމުން ރާއްޖޭގެ ދެކުނުން ކޫއްޑޫގައި ހުރި ބޯޓުތަށް ފެލިވަރަށް ގެންގޮސްގެން މަސްކިރުވުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. 
ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުންދިޔަ ނަމަވެސް އެސަރަހައްދުން ބާނާ މަސްވެސް ގެންދަނީ ރާއްޖޭގެ ދެކުނުގައި އޮންނަ ގއ.ކޫއްޑުއަށް ކަމަށްވުމާއެކު ފެލިވަރުން މަސްގަނެގެން އަނބުރާ ކޫއްޑޫއާ ހަމައަށް ދިއުމަށް ފަސްވަރަކަށް ދުވަސް ހޭދަވާކަމަށް މިފްކޯއިން ވިދާޅުވެއެވެ. 
މިކަމާއި ގުޅިގެން ފެލިވަރުގައި މަސްކިރުވުން ލަސްވާތީ މަސްވެރިންވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އުތުރަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު، ކުރިން ދުވާލަކު ފަސްދޮޅަހެއްހައި ޓަނުގެ މަސްގަންނަ ފެލިވަރަށް، އިތުރު ބޯޓުތައް ގެންގޮސްގެން މިދުވަސްވަރު ދުއިސައްތައެއްހައި ޓަނުގެމަސް ކިރުވާކަމަށް މިފްކޯއިން މައުލޫމާތުދެއްވައެވެ.