ޚަބަރު

ބިދޭސީން ޤަވާޢިދަށް ފެއްތުމަށް ހިންގާ ޕްރޮގްރާމްގައި ގިނަ ޢަދަދެއްގެ ބަޔަކު ރަޖިސްޓްރީވަނީ


ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން، ޤާނޫނަށް ފެއްތުމަށް ކުރިއަށްދާ ޕްރޮގްރާމްގައި ގިނަ ޢަދަދެއްގެ ބިދޭސީން ބައިވެރިވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމަށް "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް"ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ގެންދަނީ ޚާއްޞަ ހަރަކާތެއް ހިންގަމުންނެވެ. މިމަހުގެ 19ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި ގިނަ ޢަދަދެއްގެ ބިދޭސީން ގެންދަނީ، ސިވިލް ސަރވިސް ކޮމިޝަންގެ އޮފީސް ހުންނަ ޢިމާރާތުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ އިކޮނޮމިކް މިނިސްޓްރީގެ އިދާރާގައި ރަޖިސްޓްރީކުރަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު 245 ނަންބަރު ދޫކުރާއިރު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނަންބަރުތައް ހުސްވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ހުށައަޅާނެ ގޮތް ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން ވަޒީފާ ދޭނެ ފަރާތެއް ލިބި، ރެގިއުލަރައިޒްވާން އެދޭ ބިދޭސީން އެޤުއުލަރައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕޯޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުންކަމަށާއި، ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން، ރެގިއުލަރައިޖޭޝަން ޕްރޮގްރާމް ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ޙާޒިރުވެ "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފުތަރު" ގައި ރަޖިސްޓްރީވާން ވަނީ ހުޅުވާލާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ރާއްޖޭގައި ވަރކް ޕަރމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހާ މީހުން އުޅެމުން އަންނަކަމަށެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ހާސް މީހުންނަކީ ޤަވަދުތަކަށް ނުފެތޭ މީހުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.