ޚަބަރު

ރިޟުވާންގެ މައްސަލައިގައި އެންއައިސީ ކޮމިޓީއަށް ހާޒިރުކުރަނީ


މަރާލާފައިވާ ނޫސްވެރިޔާ ޢަބްދުﷲ ރިޟުވާންގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ހާޒިރުކުރުމަށް، އެކޮމިޓީން ނިންމައިފިއެވެ. މިއަދު ބޭއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ، ޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ރިޟުވާންގެ ތަހުގީގުކުރިއިރު، ފުލުހުންގެ އިހުމާލު އޮތްތޯ ބަލާފައިވާތީ އެކަމާގުޅިގެން އެކޮމިޝަން ހާޒިރުކުރުމަށެވެ.

އެންއައިސީ ޙާޒިރުކުރުމަށް ކޮމިޓީން ފާސްކުރީ، ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެންއައިސީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމި ނަމަވެސް ކޮމިޓީއަށް ހާޒިރުކުރަނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައިނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކޮމިޝަން ކޮމިޓީއަށް ހާޒިރުކުރާނީ 19ވަނަ މަޖިލީހުގެ 2 ވަނަ ދައުރު ފެށުމުންނެވެ.

ރިޟުވާނުގެ މަރުގެ މައްސަލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އުފެއްދެވި ގެއްލުވާލާފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ފުލުހުންގެ ބޮޑެތި އިހުމާލުވުންތަކެއް އޮތްކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިމައްސަލާގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އެކުލަވާލި ރިޕޯޓްގައި ރިޟުވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ދައުވާކުރަންޖެހޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ވިދާޅުވެފައެވެ.