ސިޔާސީ

ޓެރަރިޒަމްގެ ޤާނޫނަށް ހުށައެޅި އިޞްލާޙު ދިރާސާކުރާ ކޮމިޓީވެސް ސިއްރު


ސަރުކާރުގެ ފަރާތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތައް ދިރާސާކުރުމަށް ބާއްވާ ކޮމިޓީ ސިއްރުކޮށްފިއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލަހުތައް ދިރާސާކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ޓެރަރިޒަމްގެ ބިލަށް ޢާންމުގެ ޚިޔާލާއި ކަމާގުޅޭ މުއައްސަސާތަކުގެ ޚިޔާލު ހޯދުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ ގިނަ މުޢައްސަސާތަކެއް ކޮމިޓީއަށް ޙާޒިރުކޮށް މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އެގޮތުން ބިލް ދިރާސާކުރުމުގެ މަރުހަލާގައި މަޢުލޫމާތު އޮޅުފިލުވުމަށް ކޮމިޓީއަށް ޙާޒިރުކުރާ ފަރާތްތަކުގެ ތެރޭގައި އެޓަރނީ ޖެނެރަލާއި، ޕްރޮސެކިއުޓަރ ޖެނެރަލާއި، ފުލުހުންނާއި، އެމްއެންޑީއެފް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ހޯމް މިނިސްޓްރީ ވަނީ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ.

އެގޮތުން ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމާއި، މިއަދު ބޭއްވި ބައްދަލުވުންތައްވެސް ވަނީ ސިއްރުކޮށްފައެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭއިރު ޓެރަރިޒަމްގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ. އަދި ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައިވާގޮތުން ބޭރުގައި ހިނގާ ހަނގުރާމައަކަށް ދިއުމުގެ އިތުރުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ނުވަތަ ދާން އުޅުމަކީ ވެސް ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކުރުމުގައި ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.

މަރުތަކާއި ބެހޭ ކޮމިޝަނުން ބައެއް މަރުތަކުގެ ރިޕޯޓް ނިންމާފައިވާއިރު މައްސަލަތައް ތަޙުޤީގު ކުރުމަށް ޤާނޫނީ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ މިމައްސަލަ ހައްލުކުރެއްވުމަށް ޓެރަރިޒަމްގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.