އިނގިރޭސިވިލާތާއި އަޔަލެންޑް ބޯޑަރުގެ އިން ވަކިކޮށް ބަންދު ނުކުރިކަމުގައިވިޔަސް ބްރެކްސިޓްގެ އެއްބަސްވުން އެކުލަވާލެވެންޖެހޭނެކަމަށް ސްޓީވަން ބާކްލޭ ވިދާޅުވެއްޖެއެވެ. ބާކްލޭއަކީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ އެންމެހާ ކަންކަން ހިންގުމަށް ޢައްޔަނުކޮށްފައިވާ އިނގިރޭސި ކެބިނެޓްގެ މިނިސްޓަރެވެ.
ބާކްލޭ މިހާރުވަނީ ވިލާތުގެ އިއްތިޙާދުގެ ފަރާތުން ބްރެކްސިޓްގެ ކަންކަން ހިންގުމަށް ކަނޑައަޅާފައިހުންނެވި މައިކަލް ބާނިއަރއާއި ދާދިފަހުން ބްރަސަލްގެ އީޔޫ ކޮމިޝަން އޮފީހުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު ބާކްލޭ ވިދާޅުވީ މިކަމުގައި މަޖިލީހުން ފާސްކުރާ އެއްބަސްވުމެއް އިނގިރޭސިވިލާތުގެ ސަރުކާރަށް ބޭނުންވާކަމަށެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތް ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން ވިލާތުގެ އިއްތިޙާދުން އެ ޤައުމު ވަކިވާންކަމަށެވެ. އަދި މިނޫން ގޮތަކަށް އިނގިރޭސިވިލާތް ވަކިވެއްޖެނަމަ ދެފަރާތަށްވެސް މައްސަލަތައް ދިމާނެކަމަށް ބާކްލޭ ވިދާޅުވިއެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސް ބޭނުންފުޅުވެލައްވަނީ އިނގިރޭސިވިލާތާއި އަޔަލެންޑްގެ ބޯޑަރު ބަންދުނުވާނެ ގޮތަކަށް ބްރެކްސިޓްގެ ކަންކަން ކުރިޔަށް ގެންދަންކަމަށް ބާނިއަރވަނީ ވިދާޅުވެފައެވެ. ނަމަވެސް އެގޮތަށް އަދި އެއްބަސްވެވިފައި ނުވަނީ ބޮޑުވަޒީރު ޖޮންސަން ބޭނުންފުޅުވަނީ އިންސުއަރެންސްގެ ސިޔާސަތު ދޫކޮށްލައްވައިގެން އެގޮތަށް ޢަމަލުކުރަންކަމުގައިވާތީކަމަށް ބާނިއަރ ވިދާޅުވިއެވެ.
ޕްރާގްގައި ބޭއްވި ބައްދަލުވުމުގައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވލާތް ވަކިވުން މުހިންމުކަމަށް ބާކްލޭވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަން ކުރާނީ އެކުލަވާލެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ. ދެފަރާތަށްވެސް ފައިދާ ބޮޑީ އެގޮތްކަމަށް ބާކްލޭ ވިދާޅުވިއެވެ.