ޚަބަރު

އޭދަފުށިން ގޯއްޗަށް އެދި ފޯމުހުށަހަޅަން ހުޅުވާލައިފި

ބ.އޭދަފުށިން ގޯތި ދޫކުރުމަށް ފޯމު ހުށައަޅަން ހުޅުވާލައިފިއެވެ. މިއަދު އޭދަފުށީ ކައުންސިލުން ނެރެ ޢާންމުކޮށްފައިވާ އިޢުލާނުގައި ވާގޮތުން އޭދަފުށިން ގޯޗައްއެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 29ވާ އާދިއްތަ ދުވަހުން ފެށިގެން މިއަހަރުގެ އޮކްޓޯބާރު މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ.

ގޯޗައްއެދި ހުށައަޅާ ފޯމް މާދަމާއިން ފެށިންގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00އިން މެންދުރު 13:00އަށް ރަށު ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކައުންސިލް އިދާރާގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެކަމަށް މިއިއުލާންގައި ބުނެފައިވެއެވެ.

ގޯޗައްއެދި ފޯމު ހުށެނީ 600 ފޫޓަށްވުރެ ބޮޑު ގޯޗެއްވިޔަސް އަދި ގޯޗަކުން ބައެއްވިޔަސް އެމީހެއްގެ މައްޗައް ރަޖިސްޓްރީ ކޮށްފައި ނެތުމާ، ސަރުކާރުން ހަދާފައިވާ ރޯ ހައުސް އެއް އަދި ފްލެޓެއްވެސް އެމީހެއްގެ މައްޗައް ރަޖިސްޓްރީ ވެފައިވާނަމަ ގޯޗައްއެދި ހުށައެޅުމުގެ ފުރުސަތު ނެތްކަމަށް މިކަމަށް ހަދާފައިވާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަތަނެއް ރަޖިސްޓްރީ އޮވެ ދީ ނުވަތަ ވިއްކާލިތާ 5 އަހަރު ނުވާނަމަ ގޯޗައްއެދި ފޯމް ބަލައިނުގަނެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އޭދަފުށިން ދޫކުރުމަށް ނިންމާފައިވަނީ 1400 އަކަފޫޓްގެ 158 ގޯއްޗެވެ. މިގޯތިތައް ދޫކުރުމަށް ކަނޑައަޅާފައިވަނީ އޭދަފުށީގެ ބިމަށް އިތުރު ކުރެވުނު ބިމުގެ އިރުމަތީ ފަރާތުން އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑާ އިންވެގެންނެވެ. ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަޙްމާން ވިދާޅުވީ، ގޯތި ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް އައިއިރު އޭދަފުށިން ދޫކޮށްފައިވަނީ 659 ގޯއްޗެވެ. ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތައް ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީ ވަނީ ކައުންސިލަށް އަންގަވާފައެވެ. 3500 ވުރެ ބޮޑު އާބާދީ އެއް އޮންނަ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ބޭނުން ވެފައިވާ އެތައް އާއިލާ އެއް ތިބުމާއެކު 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 26 ހެކްޓަރުގެ ބިން ހިއްކާފައެވެ.