ވިޔަފާރި

މަހުގެ އުފެއްދުންތަކުން ނަފާ ހޯދާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް މ.އަތޮޅުގައި ކުރިއަށްގެންގޮސްފި


މަހުގެ އުފެއްދުންތަކުން ނަފާ ހޯދުމުގެ ޙާއްސަ ޕްރޮގްރާމެއް މ.އަތޮޅުގައި ކުރިއަށްގެންގޮސްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމަކީ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ އާ ވިޔަފާރީގެ ފުރުޞަތުތައް ރައްޔިތުންނަށް ފޯރުކޮށްދީ، މަސްވެރިކަމުގެ އުފެއްދުންތަކުން ނަފާ ހޯދުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގުރާމެއްކަމަށެވެ. މިތަމްރީން ޕްރޮގްރާމްގައި މ.ދިއްގަރު އަދި ކޮޅުފުށި ހިމެނޭގޮތުން ޖުމްލަ 11 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިތަމްރީން ޕްރޮގްރާމްގައި ތިއަރީގެ އިތުރުން މައުޟޫއުތަކާގުޅޭ ޢަމަލީ ތަޖްރިބާ ވަނީ ބައިވެރިންނަށް ދީފައެވެ. ތިއަރީގެ ގޮތުގައި މައުލޫމާތުދީފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތާއި، ވެލިއު އެޑިޝަންއާއި، ލޭބަލް އަދި ޕެކޭޖިންގއެވެ. މީގެއިތުރުން މަހުގެ ކޮލިޓީ ދެމެހެއްޓުމާއި، މާކެޓްކުރުމާއި ކުދި ވިޔަފާރީގެ ހިސާބު ބަލެހައްޓާނެގޮތް ވަނީ ކިޔާދީފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. މިއީ މީގެތެރެއިން އެއް މަސައްކަތްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 19 އިން 21 އަށެވެ.