ސިޔާސީ

ސިއްރު ހިފެހެއްޓުން ލާޒިމްކޮށް މަރު ކޮމިޝަނުގެ ޤަވާޢިދު އެކުލަވާލައިފި


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނުން ތަޙްޤީޤްކުރާ މައްސަލަތަކުގެ ސިއްރު ހިފެހެއްޓުން އެ ކޮމިޝަންގެ މެންބަރުންގެ މައްޗަށް ލާޒިމްކޮށް އެކޮމިޝަންގެ ހިންގާ ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ ހިންގާ ޤަވާއިދު މިހާރުވަނީ ގެޒެޓްކޮށްފައެވެ.

އެކޮމިޝަނުގެ ހިންގާ ޤަވާޢިދުގައި ބުނެފައިވަނީ، ކޮމިޝަނުން ނިންމާ ގޮތެއްގެމަތިން މެނުވީ ކޮމިޝަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެކަމަށެވެ. އަދި އެކޮމިޝަންގެ މެންބަރުންގެ މަސްޢޫލިއްޔަތުގެ ތެރޭގައި އެކޮމިޝަނުން ކުރާ ތަޙުޤީޤުތަކާގުޅޭ މަޢުލޫމާތުތަކުގެތެރެއިން، ކޮމިޝަނުން ސިއްރުނޫން މަޢުލޫމާތުގެ ގޮތުގައި ކަނޑައަޅާފައިވާ މަޢުލޫމާތު ފިޔަވައި، އެހެން ހުރިހައި މަޢުލޫމާތެއްގެ ސިއްރު ހިފެހެއްޓުން ވަނީ ލާޒިމްކޮށްފައެވެ. މީގެ އިތުރުން ކޮމިޝަނުން ކުރާ ތަޙުޤީޤުތަކުގެ މައްސަލަތައް ހިންގުމާއި، އެ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކޮމިޝަނާ މަތިކުރެވިފައިވާ މަސައްކަތް ފަރުވާތެރިކަމާއެކު ވީހައި އަވަހަކަށް ކޮށް ނިންމުން ހިމެނެއެވެ.

މި ޤަވާދިގައި ވަނީ އެކޮމިޝަންގެ މެންބަރުންގެ ހުންނަންޖެހޭ ސުލޫކީ މިންގަނޑުތަކެއްވެސް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މަޤާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލު ކުރުމަށް، ނުވަތަ އެހެން މީހަކަށް އެ މަންފާ ހޯދައިދިނުމަށް ބޭނުން ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ކޮމިޝަނުގެ ކޮންމެ މެންބަރަކު ވެސް، ހުރިހާ ވަގުތެއްގައި އެމީހެއްގެ އަޚުލާޤާއި އަބުރުގެ ރައްކައުތެރިކަން ދަމަހައްޓަންވާނެކަމަށާއި، މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ބާރުތައް ބޭނުން ކުރުމުގައި، އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައިވާ މީހެއް ކަމުގައި ނުވާނެކަމަށްވެސް ބުނެފައިވެއެވެ.

މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މި ކޮމިޝަނަށް މިހާރު ވަނީ ޤާނޫނީ ގޮތުންވެސް ބާރުތަކެއް ދީފައެވެ. އެޤާނޫނުގެ ދަށުން އެކުލަވާލި ހިންގާ ޤަވައިދުގައި ކަނޑައަޅާފައިވާ އެކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ބާރުތައް ބޭނުންކުރުމާއި، ކޮމިޝަނުގެ ތަޙުޤީޤުގެ ބޭނުމަށް މީހުން ހާޒިރުކުރުން ހިމެނެއެވެ.

އެ ކޮމިޝަނަށް ޙާޒިރުވާން ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ ކޮމިޓީއަކުން އަންގާ މީހަކު ކޮމިޝަނަށް ނުވަތަ ކޮމިޝަނުގެ ކޮމިޓީއަކަށް ހާޒިރު ނުވެއްޖެ ނަމަ، އެމީހަކު ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމާއި، ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދުމާއި އެނޫންވެސް ގިނަ ބާރުތަކެއް އެ ކޮމިޝަނަށް ލިބިގެންވާ ބާރުތަކުގެގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރިޔާސީ ކޮމިޝަންގެ ސިއްރުތައް ހިފެހެއްޓުމަށް ލާޒިމްކޮށް ރިޔާސީ ކޮމިޝަންގެ ހިންގާ ޤަވާއިދު އެކުލަވާލާފައި މިވަނީ، ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލާގައި އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މެންބަރުނާ ހިއްސާކުރައްވާފައިވުމުން ޚިޔާލު ތަފާތުވުން އުފެދިފައިވަނިކޮށެވެ. މިމައްސަލާގައި މަޖިލީހުގެ ރައީސް ވަނީ މެންބަރުންނާ ހިއްސާކުރި މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ރިޟުވާންގެ މައްސަލާގައި އެކުލަވާލި ރިޕޯޓްގައިވާ މަޢުލޫމާތު ޢާންމުނުކޮށް ސިއްރުކޮށް ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ.