ތަޢުލީމު

ޖަމާލުއްދީން ސްކޫލުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޔާނިއު


ޖަމާލުއްދީން ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޔޫސުފް ޔާނިއު އަޙްމަދު ހޮވިއްޖެއެވެ. ޖަމާލުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި، ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވުނު ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދެވެ.

މިދިޔަ އަހަރު ޖަމާލުއްދީން ސްކޫލުން ހުރިހާގޮތަކުން އެންމެ ފާހަގަކޮށްލެވުނު 3 ދަރިވަރަކު ހޯވާފައިވާއިރު، މީގެ ތެރެއިން އެއްވަނަ ޙާޞިލުކޮށްފައިވަނީ ގްރޭޑް 10 އަލްފާ، ޔޫސުފް ޔާނިއު އަޙްމަދެވެ. ޔާނިއު ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ނެޝެނަލް ޓޮޕް 10ގެ އެއްވަނަ ޙާޞިލުކުރުމުގެ އިތުރުން ބައިލޮޖީއިން ދުނިޔޭގެ އެއްވަނަވެސް ޙާޞިލުކޮށްފައެވެ. ދެވަނަ ގްރޭޑް 10 ބީޓާ، މުހައްމުދު މީކާއިލް ނަޞީމް ޙާޞިލުކޮށްފައިވާއިރު، ތިންވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެމާ، މުހައްމަދު ފާރިޒް ފަތުޙުﷲއެވެ.

ޖަމާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުވަނީ އެމަނިކުފާނު އެސްކޫލުގައި ތަޢުލީމު ޙާޞިލުކުރި ދުވަސްވަރުގެ ހަނދާން އައުކޮށް، ސިޔާސީ ހަޔާތުގައިވެސް އަދި އަމިއްލަ ހަޔާތުގައިވެސް ކަންކަމުގައި އިސްނެގުމުގެ ހުނަރު ދަސްކޮށްދީ، އެކަމުގެ ބިންގާ އަޅައިދިން މަރުކަޒަކީ ޖަމާލުއްދީން ސްކޫލުކަން ފާހަގަކުރައްވާފައެވެ.

އަދި ސްކޫލް ހަޔާތުގައި ދަރިވަރުންނަށް ދިމާވާ ކަންކަމަކީ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަސްކޮށްދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މައިންބަފައިންގެ ބަސް އަހައިގެން އެއްވެސް ކުއްޖަކަށް ދެރަގޮތެއްނުވާނެކަމަށާއި، ކޮންމެ ދަރިވަރަކީވެސް ހުވަފެންދެކޭ އަދި އެހުވަފެން ހަޤީޤަތަކަށް ހަދަންކެރޭ ކުއްޖަކަށްވުން މުހިއްމުކަމަށެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން އަދި އެޑިއުކޭޝަން މިނިސްޓަރަށް ޝުކުރުވެސް އަދާކުރަން. މިހާރު ސްކޫލްތަކުގައި މިގޮތަށް ބާއްވާ ޙަފްލާތައް އެމް.ސީކޮށް ހުށަހަޅައިދެނީވެސް ސްކޫލް ދަރިވަރުން. އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ ތަޢުލީމީ ހަޔާތުގައި މި ދަސްކުރަނީ ތަޢުލީމީ ހަޔާތް ނިންމުމަށްފަހު ޕްރެކްޓިކަލީ ދިރިއުޅުމުގައި އަޅުގަނޑުމެން ބައްދަލުކުރާނެ ހާލަތަށްކަން. ހަޤީޤަތަކީ މަންމަގެ އުނގުންފެށިގެން ކައްވަޅަށް ދާންދެން ތަޢުލީމީ ހަޔާތް އެއީ ނިމޭނެ ހަޔާތެއް ނޫން." ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު ވިދާޅުވީ، ފާއިތުވި އަހަރަކީވެސް އެ ސްކޫލަށް ވަރަށް ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން އޯލެވެލް އިމްތިޙާނުން އެ ސްކޫލުގެ ދަރިވަރުން ފާހަކޮށްލެވޭ ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ޙަސަން މުޙައްމަދު ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމުގައި ކާމިޔާބު ދަރިވަރަކަށްވާން ބޭނުންނަމަ ކަންކަމުގައި ހިތްވަރުކުރަން ކެރޭ ބަޔަކަށްވުން މުހިއްމުކަމަށެވެ.

"ދުނިޔޭގެ ނަން މަޝްހޫރު އޮންލައިން ވިޔަފާރި، އަލީބާބާގެ ބާނީ ޖެކްމާ ވަޒީފާއެއް ލިބޭތޯ ކުރި މަސައްކަތުގައި 30 ފަހަރު އޭނާއަށް ނޫނެކޭ ބުނި. އެކަމުގެ ޖެކްމާގެ ހިތްވަރުން މިއަދު އޭނާއަކީ އެންމެ ބޮޑު އެއް މަހުޖަނު. އިންސާނުން ހަނދަށްދެވޭތޯ ކުރި ހިތްވަރުގައި 6 ފަހަރެއްގެ މަތިން ވަނީ ހަނދަށްގޮސްފައި. ހަމަ ހިތްވަރުން. ހިތްވަރަކީ ހިތްވަރުދިން ވަރަކަށް ގަދަވާނެވެސް އެއްޗެއް." ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

ޖަމާލުއްދީން ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުން ރަންވަނަތަކެއް ޙާޞިލުކޮށް، އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ދަރިވަރުންނަށް ވަނީ އެކަމުގެ އަގުވަޒަންކޮށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.