ކުޅިވަރު

ގްރީން ސްޓްރީޓްސްއިން ޔުނައިޓެޑް ވިކްޓްރީ ކޮޅަށް 8 ލަނޑު ޖަހައިފި


އަލީ އަޝްފާގް (ދަގަނޑޭ)ގެ 5 ގޯލާއެކު ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކްލަބް ގްރީން ސްޓްރީޓްސް ބޮޑު މޮޅެއް ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއިން ޔޫވީގެ މައްޗަށް ކުރިހޯދީ 2-8 ގެ ނަތިޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްއިން ވަނީ ޔުވީކޮޅަށް ހަަތަރު ލަނޑު ޖަހާފައެވެ.

މެޗު ފަށައިގެން ގްރީން ސްޓްރީޓްސްއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ދެވަނަ މިނެޓުގައެވެ. މި ލަނޑު އަލީ އަޝްފާގް ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ބޭރުން މުހައްމަދު އުމައިރު ނަގައިދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ގްރީންއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިސްވާންއެވެ. މި މެޗުގައި ޔުނައިޓެޑް ވިކްޓްރީއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ތިރީސް ނުވަވަނަ މިނެޓުގައި އެޓީމަށް ކާމިިޔާބުކޮށްދިނީ އަހުމަދު ނާޝިދުއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ކީޕަރު ބޯ މަތިން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ޔޫވީއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓުގެ ތެރޭގައި އަލީ އަޝްފާގް ވަނީ އިތުރު ލަނޑެއް ގްރީންއަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި މެޗުގައި އޭނާ ހެޓްރިކް ހެދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ.

ދެވަނަ ހާފު ފަށައިގެންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކްލަބް ގްރީން ސްޓްރީޓްސްއިންނެވެ. އެގޮތުން އެޓީމުން ޖެހި ފަސްވަނަ ލަނޑު މެޗުގެ ސާޅީސް ނުވަވަނަ މިނެޓުގައި އަލީ އަޝްފާގް ދިން ޕާހަކުން ޖަހައިދިނީ ރިހާމް އަބްދުލްޢަނީއެވެ. އަދި އޭގެ ހަ މިނެޓު ފަހުން އަލީ އަޝްފާގު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-6 އަކަށް ބަދަލުކޮށްލާފައެވެ.

ޔުނައިޓެޑް ވިކްޓްރީއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފަސްދޮޅަސް އަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިރާހު މުޙައްމަދުއެވެ. މެޗުގައި ގްރީންއިން ޖެހި ފަހު ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުުޅުންތެރިޔާގެ މަގާމް ހޯދި އަލީ އަޝްފާގް އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެެއްގެ ގޮތުގައި ކުޅެން ނުކުުތް އަބްދުﷲ ޔާމިންއެވެ.

މި މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ލީގުގެ ދެ ވަނަ ޖެހިލައިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ބުރުގެ އަށް މެޗުން ލިބުނީ 15 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް މެޗުން ލިބުނީ 18 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ބުރުން ދެ ވަނަ ލިބޭނީ ލީގުގައި މާދަމާރޭ ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.