ޚަބަރު

ޠޫފާން "ހިކާ"ގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ - މެޓް


އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ، ތޫފާން "ހިކާ"ގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއަށް މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއްކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭއާއި ދުރުން އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން ހިކާ ގެ ބާރު ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެކަމަށް ބެލެވުނުނަމަވެސް، މި ޠޫފާން ދަތުރު ކުރަމުންދަނީ ރާއްޖެއާއި ދުރަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑޮއިރުގެތެރޭގައި މި ޠޫފާން އޮމާންގެ އައްސޭރިފަށާ ހަމައަށް ފޯރާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް މިހާރު ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ކުރިއަށްއޮތް ސައުވީސް ގަޑިއުރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކޮށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ ބައެއް ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ ހާމަކުރައްވާފައިވެއެވެ. އެގޮތުން ހުވަދު އަތޮޅާއި، އައްޑޫގައި ފެން ބޮޑުވެގެން ކަމާބެހޭ ފަރާތްތަކުން ވަނީ ޙަރަކާތްތެރިވެފައެވެ.