ޚަބަރު

އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ޕެއަރއިން ހޯދައިފި


ފޯރިގަދަ ފައިނަލަކަށްފަހު މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީސްގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ކުއޮ ޔޫ ވެން އާއި ލިން ވަން ޕިންގ ގެ ޕެއާއިން ހޯދައިފިއެވެ.

ޗައިނީސް ތައިޕޭއިން އަންހެން ޑަބަލްސްގެ ޗެންޕިއަންކަން ހޯދީ މިބައިގެ ފައިނަލުގައި ސްރީލަންކާގެ ތިލިނީ ހެންޑަހެވާ އާއި ކަވިދީ ސިރިމަންނަގޭގެ ޕެއާ ބަލިކޮށްގެންނެވެ.
މިމެޗަކީ މިމުބާރާތުގައި ފެނުނު އެންމެ ފޯރިގަދަ ފައިނަލް މެޗުކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މެޗުގެ ދެސެޓުވެސް ޗައިނީސް ތައިޕޭއިން ގެންދިޔައީ ލަންކާގެ ޕެއާއިން ފަހަތުން އަރާ ލީޑު ނަގާފައި ވަނިކޮށް ފަހުވަގުތުއެވެ. ފުރަތަމަ ސެޓުގައި ފެށިގެން ދެ ޕެއަރއިންވެސް ދިޔައީ ކައިރި ކައިރީގައި ޕޮއިންޓްތައް ހޯދަމުންނެވެ. މިސެޓު ޗައިނީސް ތައިޕޭ ގެންދިޔައި ނަތީޖާ ހަމަހަމަކޮށް އޮތުމަށްފަހު ފަހު ވަގުތު ހޯދި ދެ ޕޮއިންޓާއިއެކު 21-19އިންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ދެފަހަރެއްގެ މަތިން ލަންކާއިންވަނީ ލީޑު ނަގާފައިއެވެ. ނަމަވެސް މިސެޓުވެސް ލަންކާއަތުން ގެއްލުނީ އެންމެ ފަހު ވަގުތުގައިއެވެ. އެގޮތުން މިސެޓު 21-18އިން ގެންގޮސް ޗައިނީސް ތައިޕޭއިން އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދިއެވެ. މެޗްއަށްފަހު ވާހަކަދައްކަމުން ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ޕެއަރއިން ބުނީ މެޗްއިން މޮޅުވީ މިމުބާރާތުގައި މީގެ ކުރިން ދެއްކިފައިވާ މޮޅު ކުޅުމުގެ ސަބަބުންކަމަށާއި ފައިނަލް މެޗްއާއި ކުރިމަތިލީ ވަރަށް ބޮޑޫ ޔަގީންކަމާއެކުގައިކަމަށެވެ. އަދި މިއީ ދެ ކުޅުންތެރިންގެ ކޮންބިނޭޝަންގެ ރަގަނޅުކަން ދައްކުވައިދިން މެޗްއެއްކަމަށްވެސް އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ޕެއަރ ބުނެފިއެވެ.

"ވަރަށް އުފާވެއްޖެ ޗެމްޕިއަންކަން ލިބުނީމަ، ދެން ވަރަށް ބޮޑަށް އުންމީދުއޮތް މެޗައް ނިކުތުމުގެ ކުރިންވެސް، އެކަމު އިތުރު އެއްމެޗް ކުޅެފަ އެރީމަ ވަރަށް ބޮޑަށް ވަރުބަލިވެފަހުރީ، ޕާޓްނަރ ވަރަށް ބޮޑަށް ކަވަރ ދީގެން ކުޅުނީ، އެހެންނޫންނަމަ ކާމިޔާބު ނުވީސް" ލިން ވަން ޗިންގ ބުންޏެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ސްރީލަންކާގެ ސިރިމައްނަގޭބުނީ، ފައިނަލެއްގައި ގޯސް ހަދައިގެން ނުވާނެ ވަރަށް އަމިއްލަ ގޯސްތަށް ހެދުނު ކަމަށާއި، އެކަންކަން ރަނގަޅު ކުރެވުނުނަމަ މިއައްވުރެ މާ މޮޅު ކުޅުމެއް ދެއްކުނީސް ކަމަށެވެ. އަދި ދެވަނަ ސެޓުގައި އެޓޭކްކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރިން ކަމަށާއި ނަމަވެސް ޗައިނީސް ތައިޕޭގެ ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށް ކަމަށްވެސް ސިރިމައްނަގޭ ބުނެފިއެވެ.

"މިކަހަލަ ވަރުގަދަ ފައިނަލެއްގަ ތަކުރާރުވާން ނުޖެހޭވަރަށް އަމިއްލަ މިސްޓޭކްތަށް ތަކުރާރުވު، އެކަން ރަނގަޅު ކޮއްލެވުނުނަމަ މިއައްވުރެ ތަފާތު ގޭމެއް ނިމިގެންދާނީ، ދެން ދެވަނަ ސެޓުގަ ބެލިން ކުޅުން ބަދަލުކޮށްލަން، ވަރަށް ބޮޑަށް އެޓޭކްކުރަން މަސައްކަތް ކުރިން، އެކަމު ޗައިނީސް ތައިޕޭއީގެ ޑިފެންސް މާ ވަރުގަދަ" ސިރިމައްނަގޭ ބުންޏެވެ.