ކުޅިވަރު

ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި


ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ސަބް ބޭސްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮތް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން އެމްޓިސީސީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވީ، ރ.ދުވާފަރު، އައްޑޫސިޓީގެ ހުޅުދޫ އަދި ގއ.ވިލިނގިލީގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް މައްސައްކަތް ކުރުމަށެވެ. މިއެއްބަސްވުމުގައި ކުޅިވަރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު މަހްލޫފް. އަދި އެމްޓީސީސީގެ ފަރާޓުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހްއެވެ.

އެއްބަސްވުމުގައި ސޮއެކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާލުވީ، އެމްޓީސީސީއިން މިހާރުވެސް ދަނީ ގިނަ ރަށްތަކެއްގެ ފުޓުބޯޅަ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތް ކުރަމުން ކަމަށާއި، އެމްޓިސީސީއާއި މަސައްކަތް ހަވާލުކުރީ ވީހާވެސް އަވަހަށް ރަނގަޅު ފެންވަރަކަށް މަސައްކަތް ނިންމަން މިނިސްޓްރީއިން ބޭނުންވާތީކަމަށެވެ. އަދި އެމްޓިސީސީއިން މި ތިން ރަށުގައިވެސް އެކި ޕްރޮޖެކްޓްތައް މިހާރުވެސް ކުރިއަށް ގެންދާތީ ދަނޑުގެ މަސައްކަތް އަވަހަށް ނިންމާލަން ފަސޭހަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓްރ މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ދަނޑުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިމި، ސަރުކާރުން ބާއްވަން މަސައްކަތް ކުރަމުން އަންނަ ހޯމް އެންޑް އަވޭ ފުޓުބޯޅަ ލީގު މި ދަނޑުތަކުގައި ފެށުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިއީ މީގެ ކުރިންވެސް ވާނީ ބައެއް ރަށްރަށުގެ ފުޓުބޯޅަ ދަނޑުގެ ސްބް-ބޭސް މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރެވިފައި، އެމްޓިސީސީއަކީ މިހާރުވެސް މި ރައްރަށުގަ މޮބިއުލައިސް ކުރެވިފަވާ ކުންފުންޏެއް، އެހެންވީމަ ވަރަށް ބޮޑު ފަސޭހައެއް އެބަވޭ އަވަހަށް ރަނގަޅު ކޮލިޓީގައި މަސައްކަތް ނިންމާލަން. ސަރުކާރުން ބޭނުންވަނީ އެގޮތް. އުންމީދަތީ ވީހާވެސް އަވަހަށް ދަނޑުގެ މަސައްކަތް ނިމި، ސަރުކާރުން ބާއްވަން މިހާރު މަސައްކަތް ކުރަމުން މިއަންނަ ހޯމް އެންޑް އަވޭ ލީގުގެ ކުޅުން މި ދަނޑުތަކުގައި ފެށޭނެކަމަށް،" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވީ، ސަރުކާރުން އެމްޓިސީސީއަށް އެހާ ބޮޑު އިތުބާރެއް ކުރައްވައި މި މަޝްރޫއު ހަވާޅުކުރެއްވީތީ ޝުކުރު އަދާކުރާ ކަމަށާއި، އެމްޓީސީސީއިން ޕްރެޖެކްޓަކާއި ހަވާލުވާނީ އަބަދުވެސް އެ މަސައްކަތެއް ކުރެވެންހުރި ގޮތްތައް ބަލާފައި ކަމަށެވެ. އަދި ސަރުކާރުން ހަވާލުކުރާ ކޮންމެ ޕްރޮޖެކްޓެއްވެސް ހަވާލުކޮށްފައިވާ މުއްދަތުގެ ކުރިން ނިންމާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ހަސަން ޝާހް ވިދާޅުވިއެވެ.

އެންމެ ފުރަތަމަވެސް މިފަދަ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން އެމްޓީސީސީއަށް އިތުބާރުކޮށްފައި ހަވާލުރެއްވީތީ މިނިސްޓްރީއަށް ޝުކުރު އަދާކުރަން، ދެން އެމްޓީސީސީއަން އެއްވެސް ޕްރޮޖެކްޓަކާއި ހަވާލެއް ނުވަން އެ މަސައްކަތެއް ކުރެވެންހުރި ގޮތްތައް ބަލާފައި ޔަގީންކަން ނެތް ނަމައެއް. ޚާއްސަކޮށް ސަރުކާރުން ހަވާލުކުރާ ކޮންމެ ޕްރޮޖެކްޓެއްވެސް ޑެޑްލައިންގެ ކުރިން ނިންމާނެކަމުގެ ޔަގީންކަން ދެން،" ޝާހް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައި ސަބް-ބޭސްގެ މަސައްކަތް ނިންމަން ޖެހޭނެއެވެ. އަދި އެއްބަސްވުމުގައި ސޮއެކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
ޔޫތް މިނިސްޓްރީއިން ވަނީ މިމަހުގެ ތެރޭގައި ހަތް ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް މަސައްކަތް ކުރުމަށްވެސް މީގެ ކުރިން އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.