ޚަބަރު

ރާއްޖެއިން ޓެރަރިޒަމާދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާކޮށްފި


ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކޮށް ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައެވެ.

އދގެ އާއްމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އެމެރިކާގެ "ސްޓޭޓް ޑިޕަރޓްމެންޓުގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް" ޑޭވިޑް ހޭލްއާއި "އެކްޓިންގ އެސިސްޓަންޓް ސެކްރެޓަރީ ފޮރ ސައުޓް އެންޑް ސެންޓްރަލް އޭޝިއާ" އެލައިސް ވެލްސްއާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ސުލްހައިގެ މުހިންމުކަން ކަށަވަރުކުރުމަށް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މައްޗައް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ޑޮމޮކްރަސީ ވަރުގަދަ ކުރުމާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމާއި، އިޤްތިޞާދު ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވަނީ އެމެރިކާއާއިއެކު މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުވަނީ 2 ފަހަރެއްގެ މަތިން އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ މީގެކުރިންވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ ދަޢުވަތަކަށްވެސް އެމެރިކާއަށް ވަޑައިގަނަވާފައެވެ. މިއީ ފާއިތުވި 7 އަހަރުގެތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރެއްގެ ދަޢުވަތަލަށް ދިވެހި ޚާރިޖީ ވަޒީރަކު އެމެރިއާކަށް ކުރެއްވު ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.

މިނިސްޓަރ ޝާހިދު ނިއުޔޯކަށް ވަޑައިގެންފައި މިވަނީ އދގެ އާއްމު މަޖިލީހުންގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.