ޚަބަރު

ދޯންޏަކުން ގިނަ އަދަދެއްގެ މަސް ކަނޑަށް އުކާލާ ވީޑިއޯއަކަށް ގިނަ ބައެއްގެ ފާޑުކިޔުން


ރާއްޖޭގެ އުތުރުގައި މަސްވެރިކަން ތިޔާގިވެ ބާނާ މަސް އިތުރުވެގެންދިޔައިރު، މަސް ނުކިރުވި ދުވަސްތަކެއް ވަންދެން ތިބެންޖެހުމީ މިހާރު މަސްވެރިންނަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

ދުވާލެއްގެ މައްޗަށް 1 ޓަނު 2 ޓަނު މަސް ބޭނުމަށްފަހު މަސް ފެލިވަރުގެ ބަނދަރުގައި ކިޔު ހަދައިގެން އެތައް ދުވަހަކަށް ތިބެންޖެހެއެވެ. އަދި މަސް ކިރުވޭ ގޮތް ނުވުމުން ދެން މަސްވެރިންނަށް ކުރެވެން އޮތްހާވެސް ކަމަކީ އައިސް އަޅާފައި ތިބި މަސްތައް އުކާލަންޖެހުމެވެ. ފޭސްބުކް އަދި ޓުވިޓަރގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯއަކީ ވެސް މިފަދަ ވީޑިއޯއެކެވެ.

ވީޑިއޯއިން ފެންނަނީ މަސްވެރިން ބާނާފައިތިބި މަސްތައް ކަނޑަށް އުކާލާ މަންޒަރެވެ. މަޢުލޫމާތު ލިބޭގޮތުގައި މި ދޯނިން ކަނޑަށް 2 ޓަނުގެ މަސް އުކާލާފައިވެއެވެ. މި ވީޑިއޯ މި ވަގުތު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އާއްމުންގެ ގިނަ ބަޔަކު ދަނީ މިކަމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ދޯންޏަކުން ކަނޑަށް މަސްތައް އުކާލަނީ

ސުވާލަކީ ދުވާލެއްގެ މައްޗަށް މަސްނުކިރިގެން ދޯނިތަކުން ކިހާ އަދަދަކަށް މަސް އުކާލާފައި ހުންނާނެތޯއެވެ. މިއީ ކިހާބޮޑު އިސްރާފެއް ހެއްޔެވެ.
ކޮންމެ ދުވަހަކު މަސްވެރިން ބާނާ މަސް ނުވިކި މި އަދަދަށް މަސް އުކާލަން ޖެހޭނަމަ މަސްވެރިކަމުން ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވިދާޅުވަނީ މިކަން ހައްލުކުރުމަށް އެކުންފުނިން މަސައްކަތްކުރަމުންދާކަމަށެވެ. ދާދިފަހުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވަނީ މަސްވެރިން ބާނާ މަހެއް ކިރުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ބޭނުންވާކަމަށް ވިދާޅުވެ މިކަން ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން ގަންނަ މަސް އަވަހަށް ޕްރޮސެސްކޮށް ފެލިވަރު މަސް ފެކްޓަރީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިވަގުތަށް މަސް ކިރުވުމާއި ޕްރޮސެސްކުރުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ށ. ކީކިމީނީއަށް މަސްކިރުވޭނެ ނިޒާމް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް މިފްކޯއިން މީގެކުރިން ވަނީ ބުނެފައެވެ.

ނަމަވެސް މިފަދަ އެއްވެސް ކަމެއް އަދި އަދަށް ދާން ވެސް ހަމަޖައްސާފައެއް ނުވެއެވެ. ބަދަލުގައި މި ފެންނަނީ މަސްވެރިން ބާނާ މަސް ނުވިކި އުކާލަމުންދާ މަންޒަރެވެ. އެހެންކަމުން ސަރުކާރުން މިކަމަށް އަވަސް ހައްލެއް ގެންނަން ޖެހެއެވެ.