ކުޅިވަރު

ޓީމުގެ ހާލަތަކަށް ބަދަލެއް ނާދޭ: ނިޝްތާރު


ޓީމުގެ ހާލަތަށް އަދިވެސް ބަދަލެއް ނާންނަ ކަމަށާއި، މި މެޗަށް ނުކުންނައިރު އެވާހަކަ ދެން މާބޮޑަށް ދެއްކުމުގެ ބޭނުމެއްވެސް ނެތްކަމަށް ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނިޝްތާރު ބުނީ، ޓީމު އޮތީ ކުރިންވެސް އޮތް ހާލަތުގައި ކަމަށާއި، މެޗަށް ނުކުންނައިރު މިވާހަކަ މާބޮޑަށް ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި ލީގުގައި އެންމެ ފަހުން ނިލަންދޫއަތުން ބަލިވުމުން ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓްކަމަށްވެސް ނިޝްތާރު ބުޏްނެވެ.

ޕްރިމިއަރ ލީގުގައި ފޯކައިދޫއާއި ދެކޮޅަށް މިރޭ ޓީސީ ނުކުންނައިރު، އެޓީމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޝްތާރު ބުނީ، ޓީސީއަކީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުކަމަށާއި، އެހެންކަމުން މި މެޗަށް ފޯކައިދޫ ވަރަށް ބޮަޑަށް ތައްޔާރުވާނެކަމަށެެވެ. ނިޝްތާރު ބުނީ މީގެކުރިންވެސް ޓީސީ ކަހަލަ ޓީމުތަކާއި ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާތައް ނެރެފައިވާކަމަށާއި، މި މެޗުންވެސް އެފަދަ ނަތީޖާއެއް ނެރުމަށް ވަރަށް މަސައްކަތްކުރާނެކަމަށެވެ.

ނިޝްތާރު ބުނީ ޓީސީ ކަހަލަ ޓީމެއް އަތުން ޕޮއިންޓެއް ލިބިއްޖެނަމަ، އެކަން ވެގެންދާނީ ޓީމުގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު މޯޓިވޭޝަނަކަށް ކަމަށާއި، މީގެ ކުރިންވެސް ޓީސީއާއެކު ދެ މެޗެއް ކުޅެފައިވާކަމަށެވެ. ނަމަވެސް އޭރު ޓީސީގައި އޮތް ސްކޮޑާއި މިހާރުގެ ޓީސީގެ ސްކޮޑާއި ވަރަށް ތަފާތުކަމަށް ނިޝްތާރު ބުންޏެވެ.

"ސިޓުއޭޝަނަކަށް ބަދަލެއް ނާދޭ. އެހެން ނަމަވެސް މެޗުގެ ކުރިން އެ ވާހަކަ އެހާ ބޮޑަށް ދެއްކުމުގެ މާނައެއް ނެތް. އަޅުގަނޑުމެންނަށް މި ގެއްލުނީ ވަރަށް މުހިއްމު މެޗެއް. ދެން އަވަހަށް އޭގެއިން ރިކަވާ ކޮށްގެން އަނެއްކާ ވެސް ކުރިއަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" ނިޝްތާރު ބުންޏެވެ.

ދާދި ފަހުން ޓީސީގެ ހާލަތު ދަށްވެ، ކޯޗުކަމުގައި ހުރި މުހައްމަދު އާތިފް އެ މަޤާމުން އިސްތިޢުފާ ދިނުމުން މެޗުގެ ކުރިން ބޭއްވި ޕްރެސްއަށް ޓީސީގެ ފަރާތުން ހާޒިރުވީ އެ ކްލަބުގެ މެނޭޖަރު މުހައްމަދު އަބީރްއެވެ. އަބީރު ބުނީ، ޓީސީ އޮތީ އަދިވެސް ކުރި އޮތް ހާލަތުގައި ކަމަށާއި، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އަދިވެސް ނުދެވި އެބަހުރިކަމަށެވެ.

އަބީރު ބުނީ ޓީސީއަށް މާލީ ގޮތުން އެހީތެރިކަމެއް މިއަހަރު ލިބުނީ އެފްއޭއެމްގެ ފަރާތުން ކަމަށާއި، މީގެކުރިން ސަރުކާރުން ދެމުން އައި އެސްއޯއީގެ ފައިސާ ދިނުން ހުއްޓާލުމުން ވަރަށް ބޮޑު ގެއްލުމެއް ޓީސީއަށް ކުރިމަތިވެފައިވާކަމަށެވެ. އަބީރު ބުނީ އެސްއޯއީގެ ފައިސާދެން ލިބޭނެ ކަމަށް އުއްމީދުވެސް ނުކުރާކަމަށާއި، މިހާރު މަސައްކަތްކުރަމުންދަނީ ޓީމު އޮތް ހާލަތުން އަރައިގަނެވޭތޯ ކަމަށެވެ.

އަބީރު ބުނީ ޓީމުގެ ފަރިތަކުރުންތަކުގައި 2 ކުޅުންތެރިއަކު ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން ބައިވެރިވާ ކަމަށާއި، ޓީމު އޮތީ މި މެޗުން މޮޅުވާން ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޓީސީ އާއި ހަ ވަނައިގައި އޮތް ފޯކައިދޫ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.