ޚަބަރު

ދަރިވަރުން ޓިއުޝަނަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ - މިނިސްޓަރ އަސްލަމް


ތަޢުލީމު ޙާސިލުކުރުމުގައި ޓިއުޝަނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ އަމީނިއްޔާ ސްކޫލްގެ 2019 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އަމީނިއްޔާ ސްކޫލުގެ 2019 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ސާނަވީ ތަޢުލީމަކީ ހަޤީޤީ ތަޢުލީމުގެ ފެށުން ކަމަށާ، އެހެންކަމުން ދަރިވަރުންނަށް އެކުދިން ބޭނުންވާ ދާއިރާ ޚިޔާރުކުރުމަށް ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން އެހީވުން މުހިންމު ކަމަށެވެ. މިނިސްޓަރ ވަނީ އެއްވެސް އިލްމަކީ ބޭކާރު އިލްމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވަނީ، މަސައްކަތުގެ މާޙައުލުގެ ތަޖުރިބާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތަޢުލީމު ޙާސިލުކުރުމުގައި ޓިއުޝަންއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިނިސްޓަރ އަސްލަމް ގޮވާލެއްވިއެވެ.

"ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާ ޚިޔާރުކުރެވެން ވާނެ. އެއްވެސް މަޖުބޫރުކަމެއް ނެތި. އަދި އަމަލީ ތަޖުރިބާ ވަރަށް މުހިންމު. ތަޢުލީމު ޙާސިލުކުރުމުގައި ޓިއުޝަންއަށް ބަރޯސާވާ މިންވަރު ކުޑަވެސް ކުރަންޖެހޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މި ޙަފުލާގައި ވާހަކަދައްކަވަމުން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ ދަރިންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި ކަންކަން ނިންމުމުގައި އެކުދިންގެ ޚިޔާލު ހޯދުން މުހިންމު ކަމަށެވެ. އަދި އެކުދިން އެކުވެރިންނާއިއެކު ހޭދަކުރާ ވަގުތުތަކީ އެންމެ ހެޔޮގޮތުގައި ހޭދަކުރާ ވަގުތުކަމަށް ހެދުމަށް ބާރުއެޅުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރަމުންދާއިރު، އެކުދިން ސޯޝަލް މީޑިއާ ބޭނުންކުރަނީ އެންމެ އެކަށޭނަ ގޮތެއްގައިތޯ ބެލުމަށްވެސް ޕްރިންސިޕަލްވަނީ ގޮވާލައްވާފައެވެ. އަދި ބަދަހި މުޖުތަމައެއް ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި ޓީޗަރުން ދަރިވަރުންނަށް ނަމޫނާ ދެއްކުމަށް ޕްރިންސިޕަލްވަނީ ގޮވާލައްވާފައެވެ.

"ދަރިންނަކީ ހަރުދަނާ ބަޔަކަށް ހެދުމުގައި އެންމެ ކުޑައިރުއްސުރެ ދަރިވަރުންގެ ކަންކަން ނިންމުމުގައި އެކުދިންގެ ޚިޔާލު ހޯދަންޖެހޭ. އެކުވެރިންނާއިއެކު ހޭދަކުރާ ވަގުތުތަކީ އެންމެ ހެޔޮގޮތުގައި ހޭދަކުރާ ވަގުތުކަމަށް ހެދުމަށް ބާރުއެޅަންޖެހޭ" ޕްރިންސިޕަލް ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްގެ 2019 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޙަފުލާގައި 2018 ވަނަ އެ ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދިފަރާތްތަކަށް ވަނީ އިނާމުވަނީ ދީފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ 2018 ވަނަ އަހަރުގެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން މަރިޔަމް އިނާން އިބްރާހިމް ރަޝީދެވެ. އަމީނިއްޔާ ސްކޫލްގައި ކިޔަވާދޭން ފެށިތާ މިއަހަރަށް 75 އަހަރު ވަނީ ފުރިފައެވެ.