ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ނިކުންނަން ޖެހޭނީ ވަރަށް ވިސްނައިގެން: ސުޒެއިން


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ނުކުންނަން ޖެހޭނީ ވަރަށް ވިސްނައިގެންކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޔޫވީއާއި ދެކޮޅަށް ނުކުތުމުގެ ކުރިން އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބުނީ، ލީގުގައި އެންމެ ފަހުން ކްލަބް އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގައި ޔޫވީގެ ފަރާތުން ފެނިގެންދިިޔައީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، އެހެންކަމުން މާދަމާގެ މެޗަށް ނުކުންނަން ޖެހޭނީ ވަރަށް ވިސްނައިގެންކަމަށެވެ.

ލީގުގެ ކުޅުން 40 ދުހަށް މެދު ކަނޑާލުމަށްފަހު މިދިޔަ ހަފްތާގައި ލީގުގެ ކުޅުން އަލުން ފެށިއިރު، ކްލަބް ގްރީން ސްޓްރީޓްސް ކުޅެން ހަމަޖެހިފައި އޮތީ ވިކްޓްރީއާއެވެ. ނަމަވެސް އެ މެޗަށް ވިކްޓްރީ ހާޒިރުނުވުމުގެ ސަބަބުން މެޗު ކުޅެވޭގޮތްވަނީ ނުވެފައެވެ. މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ސުޒެއިން ބުނީ މި މެޗަށް ވިކްޓްރީ ހާޒިރުނުވުމުގެ ސަބަބުން ގްރީން ސްޓްރީޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނުކަމަށާއި، މި މެޗު ކުޅެވުނުނަމަ ވިކްޓްރީ ކޮޅަށް ހަތަރު ލަނޑު ވަރު ޖަހައި ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުކޮށްލެވުނީސްކަަމަށެވެ. ސުޒެއިން ބުނީ މި މެޗު ނުކުޅެ ވަރުގަދަ މެޗަކަށް ނިކުންނަން ޖެހުމަކީ އެޓީމަށް ދިމާވި ވަރަށް ބޮޑު ޗެެލެންޖެއް ކަމަށާއި، ނަމަވެސް މީގެ ކުރިން މިފަދަ އެތައް ޗެލެންޖަކާއި ކުރިމަތިލާފައި ހުރުމުން އެކަމާއި މާބޮޑަށް ހާސްނުވާކަމަށެވެ.

"މި މެޗަށް ނުކުންނައިރު އަޅުގަނޑުމެންނާއި ދެކޮޅަށް ނުކުންނަ ޔޫވީ މި އޮތީ އެންމެ ފަހުން ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާ ފަހަތުން އަރައި އީގަލްސްއާއި އެއްވަރުކޮށްފައި. އެހެންވީމަ އަޅުގަނޑުމެން މި މެޗަށް ނުކުންނަން ޖެހޭނީ ވަރަށް ވިސްނައިގެން. ދެން އަޅުގަނޑުމެން އެންމެ ފަހުން ކުޅުން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވީމަ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް މިވީ. އެ މެޗު ކުޅެ ހަތަރު ލަނޑު ޖަހާލައި ކުޅުންތެރިންނަށް ކޮންފިޑެންސް ލިބޭނެ މި މެޗަށް ނުކުތުމުގެ ކުރިން". ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ އެޓީމުގައި ތިބި އަލީ އަޝްފާގް އަދި މުހައްމަދު އުމައިރު ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމުގެ ފުރުސަތު އަދިވެސް ނުލިބޭކަމަށާއި، ކުއްލި ކުއްލިއަށް ބްރޭކްތައް އަންނަނަމަ މިކަން ކުރަން އުނދަގޫވާނެކަމަށެވެ. ސުޒެއިން ބުނީ މި ސީޒަން ފެށުން ފަހު މިހާރު 100 ވަރަކަށް ޓްރެއިނިން ކުރިޔަށްގެންދެއްވިއްޖެ ކަމަށާއި، ނަމަވެސް ކުޅުމަށް ބަދަލު ގެނެވޭނީ ވަގުތު ލިބިގެންކަމަށެވެ. އެގޮތުން ދެ ހަފްތާ ލީގުގެ މެޗުތައް ކުޅުމަށްފަހު ދޮޅު މަސް ދުވަހަށް ލީގު މެދު ކަނޑާލުމުން ކުޅުންތެރިންނަށް ގެއްލުންވާކަމަށެވެ.

މި މެޗަށް ނުކުންނައިރު 12 ޕޮއިންޓް ހަމަކޮށް ގްރީންސްޓްރީޓްސް އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައިއެވެ. ކުރިން އެ މަގާމުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ފަހަކަށް ވެއްޓިފަ އެވެ. ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ވިކްޓްރީ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.