ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅުންނެތް މީހުންވެސް އެހީއަށް އެދި ރެޖިސްޓްރީވި - ޓާސްކް ފޯސް


މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި އަލިފާނުގެ ހާދިސާއާއި ގުޅުން ނެތް ފަރާތްތައްވެސް ހިމެނޭކަމަށް ޓާސްކް ފޯސްއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެެހުނު މީހުންނަށް ރަޖިސްޓަރ ވުމަށް ހުޅުވާލި ފުރުޞަތުގައި މާލޭގައި ދިރިނޫޅޭ ފަރާތްތަކާއި، މި ހާދިސާއާއި ގުޅުން ނެތް ފަރާތްތައްވެސް ބޯހިޔާވަހިކަމަށާއި، ޑިޒާސްޓާގެ އެހީތެރިކަމަށް އެދި ރަޖިސްޓްރީވެފައިވާކަމަށް ބެލެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާކަމަށެވެ.

"ކަލާފާނުގައި އަޅުގަނޑޫމެންގެ ބެލުމުގެދަށުގައ ރެޖިސްޓްރީ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނިން. ޖެހިގެން އައި ދުވަހުވެސް އެކަންކޮށްދިނިން. ޑިޒާސްޓައި އަޅާނުލާ އެއްވެސް ފަރާތެއް ނުހުންނާނެ. މިހާރު މިކަމުގެ އަސަރު ހުރި ފަރާތްތައް ރެޖިސްޓްރީ ވެފައިހުންނަންވާނީ. މިހާރު މިހާ ފަހުން ރެޖިސްޓްރީވާން އަންނަ ފަރާތްތައް ބަލަންޖެހޭ ކަންކަން ހުންނާނެ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، އައިޑެންޓީ ކާޑަކީ އެކި ޚިދުމަތް ހޯދުމުގައި ބޭނުންކުރާ އެއްޗަކަށްވުމުން އައިޑީކާޑް ހެއްދޭނެ އަވަސް ނިޒާމެއް އެކުލަވާލައްވަމުން އަންނަކަމަށެވެ. އެގޮތުން މިހާދިސާގައި އައިޑީކު ގެއްލުނު ފަރާތްތަކަށް އައިޑީ ކާޑު ހެއްދޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ނޭޝަނަލް ރަޖިސްޓްރޭޝަނުން ކުރައްވަމުން ގެންދަވާކަމަށެވެ.

ހިސާން ވިދާޅުވީ މިހާދިސާގައި އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ރަޖިސްޓްރީކުރި 59 ބިދޭސީއަކަށް ޔޫތު މިނިސްޓްރީގެ އެކޮމިޑޭޝަންގައި ބޯހިޔާވަހިކަން ހަމަޖައްސާފައިވާކަމަށާއި، އެންޑީއެމްއޭގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންނަކީ އަލިފާނުގެ ހާދިސާއާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކެއްކަމަށް މިހާތަނަށް ދެނެގަނެވިފައިވާކަމަށެވެ. އެފަރާތްތައް މިހާރު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.

" 59 ފަރާތަކަށް އެހީދިނިން. އެފަރާތްތައް އަޅުގަނޑުމެންނާއި ހަމައަށްއާއިރު އެއްވެސް ޑޮކިއުމްންޓެއް ނެތް އެފަރާތްތަކަކީ ކޮން ބައެއްކަން ދެނެގަތުމަށް. އެ އަލިފާނުގެ ހާދިސާ ހިނގިތަނަކީ ގިނަ ބިދޭސީން އުޅުނުތަކަށްވާތީ އެބޭފުޅުންނަށް އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދިނީ. އެކަމު މިއަދު އިމިގްރޭޝަނުން ބެލިބެލުމުން އެނގުނީ މިއީ އަލިފާނާ ގުޅުންހުރި ކަމެއްގައި އައިބައެއް ނޫންކަން. މީގެ ތެރޭގައި އެހެނިހެން ސަބަބުތައްވެސް ހިމެނިދާނެ. ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން އެމީހުންގެ ކަންތައް ދެން ނުބަލާނެ." ހިސާން ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ވައިގެ ކޮލިޓީ ބެލުމުގެ މަސައްކަތް އީޕީއޭގެ ފަރާތުން ބަލަމުން އަންނަކަމަށާއި، އެސަރަހައްދުގައި ވައިގެ ކޮލިޓީގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މަޖީދިއްޔާ ސްކޫލްގެ ކިޔެވުން މިއަދު މެދުކަނޑާލާފައިވާއިރު ސްކޫލްގެ ކިޔެވުން ދެން ކުރިއަށްދާނީ ވައިގެ ކޮލިޓީއަށް ބެލުމަށްފަހުކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.