ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި، ހުރި ބައެއް ކަންބޮޑުވުންތަކާއި ގުޅޭގޮތުން އާކްގެ އިސްބޭފުޅުންނާއި ނާއިބް ރައީސް ބައްދަލުކުރައްވައިފި


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން"، އާރކްގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި އާރކްގެ ފަރާތުން ވަނީ އެ ޖަމްޢިއްޔާއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ނައިބް ރައީސާއިވަނީ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމުގެ ދާއިރާއިން ހުރި ބައެއް ކަންބޮޑުވުންތައް ވެސް އާރކް ޖަމްޢިއްޔާގެ އިސްވެރިންވަނީ ނާއިބް ރައީސާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނާއިބް ރައީސްވަނީ މި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގައާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދޭ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުންވެސް އިޖްތިމާޢީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ކަންކަމުގައި ޚާއްޞަ ސަމާލުކަމެއްދޭންޖެހޭކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާ އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ޙައްޤުތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާރކް ޖަމްޢިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ޖަމްޢިއްޔާގެ އިސްވެރިންނަށް ނައިބް ރައީސް ވަނީ މިބައްދަލުވުމުގައި ޝުކުރު އަދާކުރައްވާފައެވެ.