ޚަބަރު

މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި


މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައިވަނީ ކެމިކަލް ހިމެނޭ ގުދަނާއި، އާއްމުން ދިރިއުޅޭ 7 ގެއެއް ހިމެނޭހެން ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެންނެވެ.

ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާ ހިނގީ ސާފުކުރުމަށް ބޭނުންކުރާ ކެމިކަލް ހިމެނޭ ބާވަތްތައް ހުރި ގުދަނެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މި އަލިފާންގަނަޑު ބޮޑުވެ ގެއްލުން ބޮޑުވީ ކެމިކަލް ހުރުމުންކަމަށް ކަމާއި ބެހޭ ފަރާތަކުންވެސް ވަނީ ހާމަކުރައްވާފައެވެ.

މިގޮތަށް އާއްމުން އުޅޭ ސަރަޙައްދުތަކުގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރުމަކީ މަނާކަމަކަށްވާއިރު، މިފަދަ ތަކެތި ރައްކާކުރާ ތަންތަނުގެ މަޢުލޫމާތު އާއްމުންދަނީ ސޯޝަލް މީޑިއާގައިވެސް އާއްމުކުރަމުންނެވެ. އަދި މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށްވެސް ދަނީ ގެންނަމުންނެވެ.

އެމްއެންޑީއެފުންވަނީ މިއަހަރުގެ ކުރީކޮޅު މާލޭގައި ހުރި މިފަދަ ގުދަންތައް ދެނެގަނެ، އެތަންތަން ބަލާ ފާސްކޮށްފައެވެ. މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ މި ބެލި ބެލުމުން މާލޭގައި މިފަދަ ކެމިކަލް ހިމެނޭ ބާވަތްތައް ރައްކާކުރާ 126 ގުދަން ފާހަގަވެފައިވިކަމަށެވެ. އަދި މި ގުދަންތަކުގެ ތެރެއިން 83 ގުދަންހުރީ އާމުން ދިރިއުޅޭ ގެތަށް ހުންނަ ސަރަޙައްދުތަކުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ މިފަދަ ގުދަންތައް މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރު ތަންތަނަށް ބަދަލުކުރުމަށެވެ. އެގޮތުން ތިލަފުށިން ގުދަންކުރުމާއި، އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބިން ދޫކުރުމަށް ތައްޔާރުވަމުން ދާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.