ޚަބަރު

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބެލުމަށް ކޮމިޓީއެއް


ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމުގައި ލަފަޔާއި މަޝްވަރާ ދިނުމަށް ޚާއްސަ ކޮމިޓީއެއް މިނިސްޓަރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެކުލަވާލައިފިއެވެ.

"ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ"ގެ ނަމުގައި އެކުލަވާލި މި ކޮމިޓީގައި ހިމެނެނީ 13 މެންބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޖެންޑަރ މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ޔޫތް މިނިސްޓްރީ، ހެލްތް މިނިސްޓްރީ، ކުޑަކުދިންގެ ހިޔާ، ޔުނިސެފް، ޕޮލިޓެކްނިކް އަދި ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާތަކެވެ.

މި ކޮމިޓީގެ މަޤްޞަދުތަކުގެ ތެރޭގައި ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ކަހަލަ މައްސަލަތައް ޙައްލުކުރުން ހިމެނެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ކަންކަމުގައި ލަފާ ދިނުންވެސް ހިމެނެއެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ. ޖެންޑަރ މިނިސްޓްރީއިން ވިދާޅުވީ ކޮމިޓީގެ ބައްދަލުވުން ކޮންމެ މަހަކު އެއް ފަހަރު ބާއްވާނެކަމަށެވެ. އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ ކުއްލި ބައްދަލުވުންތައް ބާއްވާނެކަމަށާ، އަދި ކޮންމެ ތިން މަހަކުން އެއްފަހަރު ޖެންޑަރ މިނިސްޓްރީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ ބައްދަލުވުމެއް ބާއްވާނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ސާޅީހެއްހާ ކުދިން އުޅެމުންދެއެވެ. އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 100އަށްވުރެ ގިނަ ކުދިން ދަނީ ބަލަހައްޓަމުންނެވެ.