މި މަހު ސަޢުދީ ޢަރަބިއްޔާއަށް ދިން ޙަމަލާތަކުގެ ރައްދުގައި ފިޔަވަޅު އަޅާނީ ސަޢުދީން ކުރިއަށްގެންދާ ތަޙްޤީޤު ފުރިހަމަވުމުންކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް އަމާޒުކޮށްދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުންނެވެ. އެހެންނަމަވެސް އެމެރިކާއާ ސަޢުދީ ޢަރަބިއްޔާއިން ބުނެފައިވަނީ މި ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަމަށެވެ.
ސަޢުދީގެ ވެރިރަށް ރިޔާޟްގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޤައުމުގެ ޚާރިޖީވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢާދިލް ޢަލް ޖުބައިރު ވިދާޅުވީ މި ޙަމަލާގެ ތަޙްޤީޤުން ހާމަވާނެ އެންމެ މުހިއްމުކަމަކީ މި ޙަމަލާ އައިސްފައިވަނީ އުތުރުންކަން ކަމަށެވެ. އަދި މި ޙަމަލާ އައިސްފައިވަނީ ޔަމަނުން ނޫންކަން ސަޢުދީއަށް ކަށަވަރުވާކަމަށާ އެކަން އެ ޤައުމުން ކުރިއަށްގެންދާ ތަޙްޤީޤުން ސާބިތުވެގެންދާނެކަމަށެވެ. މި ތަޙްޤީޤުގައި ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިވުމަށް ސަޢުދީންވަނީ ދަޢުވަތުދީފައެވެ.
ޖުބައިރު ވިދާޅުވީ މި ޙަމަލާތައް ދީފައިވަނީ އީރާނުގެ ހަތިޔާރު ބޭނުންކޮށްގެންކަމަށާ، މި ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަމަށް ސަޢުދީން ޤަބޫލުކުރަނީ އެހެންވެކަމަށެވެ. އޭނާ ވިދާޅުވީ މި ޙަމަލާތަކުގެ ތަޙްޤީޤު ފުރިހަމަވުމުން އެ ޤައުމުގެ ސަރުކާރުން އެކަށިގެންވާ ފިޔަވަޅުތައް އަޅާނެކަމަށާ ސަޢުދީ ޢަރަބިއްޔާއިން މަސައްކަތްކުރާނީ އެ ޤައުމުގެ ސަލާމަތާ ހަމަޖެހުން ކަށަވަރުކުރުމަށްކަމަށެވެ.