ޚަބަރު

ރޯވި ދެގުދަނެއް ހުރީ ޑިފެންސް މިނިސްޓްރީގެ ސްޓޭންޑަރޑަށް ފެތޭގޮތަށް - ވެރިފަރާތް


އަލިފާންރޯވި ހ.ތިލަފުށީގޭގައިހުރި ކެމިކަލް ގުދަނަކީ ޑިފެންސް މިނިސްޓްރީގެ ސްޓޭންޑަރޑަށް ފެތޭގޮތަށް ހުރިތަނެއްކަމަށް ގުދަނުގެ ވެރިފަރާތުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރޯވި ގުދަން ހިންގާ "ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑް"ގެ އޮޕަރޭޝަންސް މެނޭޖަރ އިބްރާހީމް ނަޝީދު ވިދާޅުވީ އެފަރާތުން ހ.ތިލަފުށީގޭގައި ހިންގަމުން އަންނަ ގުދަނަކީ ޑިފެންސް މިނިސްޓްރީން އެކުލަވާލާފައިވާ ސްޓޭންޑަރޑާ އެއްގޮތަށް ހިންގަމުން އަންނަ ގުދަނެއްކަމަށެވެ.

އަހަރަކު އެއްފަހަރު ހުއްދަ އާކުރުމަށް އެދުމުން، މިނިސްޓްރީން ގަވާއިދުން، ގުދަން ޗެކްކުރުމަށް ވަޑައިގަންނަކަމަށާ އެންމެ ފަހުން ގުދަން ޗެކްކޮށްފައިވަނީ މީގެ 4 ވަރަކަށް މަސްކުރިންކަމަށްވެސް އިބްރާހީމް ނާޝިދު ވިދާޅުވިއެވެ.

އެފަހަރު ޗެކްކުރީ ސަރުކާރުން އެކުލަވާލާން މަސައްކަތްކުރާ ސިޔާސަތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއިން އެއްވެސް އިންސްޕެކްޝަނެއްގައި ގުދަނުގައި އެއްވެސް މައްސަލައެއް ހުރިކަމަށް ނުވަތަ ރަނގަޅު ކުރަން ޖެހޭކަމެއް ހުރިކަމެއްވެސް މިނިސްޓްރީން އަންގަވާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ ހ.ތިލަފުށިގޭގައި ރޯވި އަލިފާނުގެ ޙާދިސާގައި ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ 2 ގުދަނެއްވަނީ އަނދައި ހުލިވެފައެވެ. އެންމެ ފުރަތަމަ ރޯވިކަމަށް ބުނާ ގުދަނުގައި ހުރީ ޕޫލް ކެމިކަލާއި ލޯންޑްރީ ކެމިކަލާއި ފްލޯ ކްލީނިންގ ކެމިކަލްގެ ބާވަތްތައްކަމަށް އޭނާ ވިދާޅުވިއެވެ. އެފަރާތުގެ ގުދަނުގައި ގަވާއިދާޚިލާފު އެއްވެސް ބާވަތެއް ނުހުންނާނެކަން ފާހަގަކުރައްވަމުން އިބްރާހީމް ނަޝީދު ވިދާޅުވީ 2ވަނަ ގުދަނުގައި ހުރީ ފިނިކުރި ބާވަތްތައްކަމަށްވާ ކުކުޅާއި ގެރިމަސް ފަދަ ތަކެތިކަމަށާއި އެގުދަނުގެ 2ވަނަ ފްލޯގައި ގިނަ ޢަދަދެއްގެ ޓިޝޫ ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިސާ ތަޙުގީގުކުރަމުން އަންނަކަމަށް ތަޙުގީގީ އިދާރާތަކުން ވިދާޅުވާއިރު އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ ވިދާޅުވީ މިހާތަނަށް އެއްވެސް އިދާރާއަކުން އެފަރާތާއި މިކަމާއި ގުޅޭ ގޮތުން ސުވާލުކޮށްފައިނުވާކަމަށެވެ. ރޯވި ސަރަޙައްދަށް ވަނުމުގެ ހުއްދައެއް އަދި މިކަމާގުޅޭ އެއްވެސް މަޢުލޫމާތެއް ނުދެއްވާތީ އަމިއްލައަށް އެދިގެން ޑިފެންސް މިނިސްޓްރީގައި މިއަދު މިކަމާއި ގުޅިގެން ބައްދަލުކުރުމަށް އެދިފައިވާވެކަމަށް އޭނާ ވިދަޅުވިއެވެ.

ގުދަނުގައި ރޯވާންޖެހޭ ސަބަބެއް ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިޙާދިސާގައި މީހަކު ނިޔާވެ އެތައް ބަޔަކަށް ގެއްލުން ވެގެންދިޔުމަކީ އެކުންފުނިންވެސް ހިތާމަކުރައްވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ރޭ ހ.ތިލަފުށިގޭގައި ރޯވި ޙާދިސާގައި 4 ގުދަނަކާއި 6 ގެއެއްވަނީ ހަނދާ ހުލިވެފައެވެ.