ވިޔަފާރި

އިޤްތިޞާދީގޮތުން ރާއްޖެއަށް އާޖެންޓީނާއާއި މެކްސިކޯ ފަހަތަށް ޖައްސާލެވޭނެ - ބަންދު ސަލީމް


އާޖެންޓީނާއާއި މެކްސިކޯފަދަ ޤައުމުތައް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގެ ފުރުޞަތު އެބައޮތްކަމަށް އިޤްތިޞާދީ ތަޖުރިބާކާރެއްކަމަށްވާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ސަރުކާރުގެ ގިނަ ވިޔަފާރި ކުންފުނިތަކެއްގެ އެންމެ އިސް މަޤާމްތައް އަދާކޮށްފައިވާ ބަންދު ސަލީމް ވިދާޅުވީ ޤައުމު ބިނާކުރުމަށްޓަކައި ބޭނުންވާ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވޭ ހިސާބަކަށް ރާއްޖޭގެ އުފެއްދުންތެރިކަން ގެންދެވިފައިވާކަމަށެވެ. އަދި ޖީޑީޕީގެ ގޮތުންނަމަ އެއީ އާޖެންޓީނާއާއި މެކްސިކޯއާ އެއްވަރުގެ ޖީޑީޕީއެއްކަން ސަލީމް ފާހަގަކުރެއްވިއެވެ. ނަމަވެސް އާޖެންޓީނާއާއި މެކްސިކޯގެ އިޤްތިޞާދަށް ލޮޅުން އަރަމުންދަނީ އިޤްތިޞާދު މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި އެކަންކަން ކުރަން އުނދަގޫވުމުގެ ސަބަބުންކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖެއަށް އެމައްސަލަތައް ޙައްލުކުރެވޭނޭކަމަށާއި މަތީ ތަޢުލީމް ޙާޞިލްކޮށްގެން ނިކުންނަ ދަރިވަރުންނަކީ އެކަން ކުރަންޖެހޭ ފަރާތްތައްކަމަށް ސަލީމް ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ހުނަރުވެރިކަމާއި އިލްމާއި، މިކަމަށް ހުރި ޝަޢުޤުވެރިކަން ނެރެގެން ނޫނީ މިޤައުމު ކުރިއަކަށް ނުގެންދެވޭނެ،. ވަގުތު މެނޭޖްކުރަން އެނގެންޖެހޭނެ، ހެޔޮގޮތުގައި ވަގުތު ބޭނުންކުރަންޖެހޭ، ކީއްވެތޯ ބައެއް ޤައުމުތައް ކުރިއަށް ގޮސްފައި، އަނެއްބައި ޤައުމުތައް ފަހަތަށް ދަނީ" ޤައުމީ ޔުނިވަރސިޓީގެ ދަސްވެނީންނާ މުހާތަބްކުރައްވާ ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަފުޅުގައި ޤައުމުތައް ކުރިއަރައިގެން ދިއުމުގައި ތައުލީމީ ޖީލެއް އުފެއްދުމާއި ޤައުމު ބިނާކުރަން އަހަމިއްޔަތުކަން ދިނުމަކީ އެންމެ މުހިއްމު މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ކުރިއަށްއޮތް 5 އަހަރުތެރޭގައި އާރޖެންޓީނާއާއި މެކްސިކޯ ފަދަ ޤައުމުތައް ފަހަތަށް ޖައްސާލުމަށްފަހު ރާއްހެއަށް ކުރިއަށް ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ސަލީމް ވިދާޅުވިއެވެ. އެކަމަށްޓަކައި ބޭނުންވަނީ އިލްމާއި ކުޑަކުޑަ ހިތްވަރެއްކަމަށް ސަލީމް ވިދާޅުވިއެވެ.

"ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޖަޕާނަށް ބައްލަވާ، އެޤާއުމުގައި ތެލެއް ނެތް، އެއްވެސް ކަހަލަ މަޢުދަނެއް ނެތް، އެކަމަކު މިއަދު ޖަޕާނު ކުރިއަރާފައިވަނީ، އެހާހިސާބަށް ދިޔައީ ކިހިނެތްތޯ. ހަމައެކަނި މީހުންނަށް ކިޔަވައިދީގެން. ޤައުމު ބިނާކުރުމަށް ދިން އަހަމިއްޔަތުކަން ދަރިވަރުންނަށް ކިޔައިދީގެން. އަދި އެމީހުން ކުރިއަށްދާންވީ މަގުތައް ދައްކައިދީގެން. މިއަދުން ފެށިގެން 40 އަހަރު ތެރޭގައި ދުނިޔޭގެ ދެވަނައަށް އެންމެ ކުރިއަރާފައިވާ އިޤްތިޞާދަށް ތިމަންނާމެން ވާނަމޭ، އެ އަޒުމުގައި އެމީހުން މަސައްކަތްކުރީ، އެކަން ހާސިލްވެސްކުރި" ސަލީމް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނީންނާ މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސަލީމް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ކިތަންމެ ދައްޗެއް ކުރިމަތިވިޔަސް، މަސައްކަތް ދޫކޮށްނުލާ ސާބިތުކަމާއެކު ކެރިގެން ކުރިއަށްދިއުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ކަމަކީ ފަސޭޙަކަމެއް ނޫންކަމަށާއި، ބަލި ޤަބޫލުކޮށްގެން މަސައްކަތް ދޫކޮށްލުމަކީ ކޮންމެ މީހަކު ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ސަބަބުކަން ސަލީމް ފާހަގަކުރެއްވިއެވެ.

"ޔޫއެންޑީޕީން މިއަހަރު ކުރީކޮޅު ނެރުނު ރިޕޯޓެއްގައި އެބައޮތް، 20 – 25 އިންސައްތަ ކުދިން ފުރަތަމަ 4 ވަރަކަށް މަސް ދުވަސްތެރޭގައި ވަޒީފާއާ މެދު ފޫހިވެ، ގެއަށްދާ ވާހަކަ. ވަރަށް ހިތާމަހުރި ކަމެއް، ތިމާމެން އަމިއްލައަށް ކުރާ މަސައްކަތް ދޫނުކޮށް، ކުރިއަށް ގޮސްގެން ނޫނީ، ކާމިޔާބެއް ނުވާނެ، ދެން ބުނާނެ ހާދަ ދައްޗޭ މަސައްކަތްކުރާ މާހައުލު، އިންސާނުން ދުނިޔެއަށް ފޮނުއްވީ ދައްޗާ ކުރިމަތިލާށޭ، އެހެންވީމާ އެކަންކަން ދޫކޮށްނުލާ ކުރިއަށްދިޔައީމަ ކާމިޔާބުވާނީ" ސަލީމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.