 
										
			ކަރަންޓުގެ ވިޔަފާރީގެ އިތުރުން އެހެނިހެން ދާއިރާތަކުން ވިޔަފާރި ފުޅާކުރުމަށް ގަސްތުކޮށްފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ. 
ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޣުނީ ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީ އަދި ފައިދާ އިތުރުކުރުމަށް އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.
މި މަސައްކަތުގެ ދަށުން ކުންފުނިން މިހާރު ކުރަމުން އަންނަ މައިގަނޑު ވިޔަފާރީގެ އިތުރުން މިދާއިރާއާ ގުޅޭ ވިޔަފާރިކުރުމަށް ނިންމާފައިވާކަމަށް މުޢުނީ ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާއާއި ދެމެހެއްޓެނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ. 
"މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތުގެ ކޮންޓްރެކްޓް މަސައްކަތްތައް ކުރުން. ރިނިއުބަލް އެނާޖީގެ ޕްރޮޖެކްޓްތައް ހިންގުން ހިމެނޭ. އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ވަޢުދެއް އެއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމަކީ. މީގެ އިތުރުން ވެސް އަޅުގަނޑުމެންނާއިއެކު ސޮއިކޮށްފައިތިބޭ ސްޓެރެޖިކް ޕާޓްނަރުންގެ ޕްރޮޑަކްޓްސްތައް ރާއްޖެއާއި އަދި ސަރަޙައްދުގެ އެހެނިހެން ޤައުމުތަކުގައި ވިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން." މުޣުނީ ވިދާޅުވިއެވެ. 
މުޣުނީ ވިދާޅުވީ ކަރަންޓުގެ އިތުރުން އެހެން ދާއިރާތަކުން ވިޔަފާރިކުރުމުގެ ޤާބިލްކަން ސްޓެލްކޯގައި އެބަހުރި ކަމަށާއި މިފަދަ ވިޔަފާރިތަކުން ކުންފުންޏަށް ފައިދާ ހޯދުމަކީ ކުންފުނީގެ އަމާޒެއްކަމަށެވެ. 
ސްޓެލްކޯއިން ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ނިންމާފައިވާއިރު މިދިޔަ އަހަރު އެކުންފުނިން ވަނީ ކޮންޓްރެކްޓް އުސޫލުން އއ. އުކުޅަހުގައި ފެނާ ނަރުދަމާ ނިޒާމް ހިންގުމުގެ މަސައްކަތް ފަށާފައެވެ.