ޚަބަރު

އަލިފާނުގެ ޙާދިސާގައި ޙާލުގައި ޖެހުނު ދަރިވަރުންނަށް ޔުނިފޯމާއި އެހެނިހެން ސާމާނު އެޑިއުކޭޝަނުން ހަމަޖައްސައިދެއްވަނީ


އަލިފާނުގެ ޙާދިސާގައި އަސަރުކުރި ކިޔަވާކުދިންގެ ޔުނީފޯމާއި ސްކޫލަށް ބޭނުންވާ ސާމާނު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުދިންނަށް ހަމަޖައްސަވައިދެއްވަން ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފޮތް ފަންސުރާއި ސްކޫލް ޔުނިފޯމު އަނދާފައިވާ ފަރާތްތަކަށް ބޭނުންވާނެތަކެތި އެމިނިސްޓްރީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިއަދު 5 އިން ފެށިގެން މިރޭ 9 ޖެހުމާއި ހަމައަށް ކުދިންނަށް ބޭނުންވާ ޔުނިފޯމްތައް އެޑިއުކޭޝަން މިނިސްޓްރީން ލިބެމުންދާނެކަމަށެވެ. ސްކޫލަށް ބޭނުންވާ ފޮތާއި އެހެނިހެން ސާމާނުތައް މާދަމާ ސްކޫލަތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިސާއާއި ގުޅިގެން ކިޔަވާކުދިންނަށް ބޭނުންވާ އެކި ސާމާނު ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެންޑީއެމްއޭއާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ކުރިއަށް އޮތް ޖީސީ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިންނަށް ބޭނުންވާ ޕާސްޓް ޕޭރުތައް ފޯރުކޮށްދިނުމަށް އަމިއްލަ ޕްރިންޓްކުރާ ފަރާތެއްކަމަށްވާ "ކޮޕިއަރ ރިޕެއަރ"އިންވަނީ ޑިޒާސްޓަރ މެނޭޖްމަންޓު މެދުވެރިކޮށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރޭމާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި 6 ގެއެއް އެކޮށް އަނދާ ހުލިވެފައިވާއިރު މިދޭތަކުގައި ތިބި މީހުންވަނީ ކަލާފާން ސްކޫލްގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާއަށް ބަދަލުކޮށްފައެވެ. މިފަރާތްތަކަށް ބޭނުންވާ އެހީގެ އެކި ސާމާނުތައް ސަރުކާރާއި ޢާއްމުން އަންނަނީ އެންޑީއެމްއޭ މެދުވެރިކޮށް ފޯރުކޮށްދެމުންނެވެ.