ޚަބަރު

އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އެމެރިކާއަށް ފުރާވަޑައިގެންފި


އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ.

މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. އދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ފުރާވަޑައިގެންފައިވާއިރު، މިއަދަކީ، ދިވެހިރާއްޖެއިން އދ.ގެ މެމްބަރަކަށްވީތާ 54 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖެއިން އދ.ގެ މެމްބަރަކަށް ވެފައި ވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ތަޤުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ މަސްރަޙްގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ޤައުމުތަކާއި، ބައިނަލްއަޤްވަމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަޤުރީރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާ އެކި ޤައުމުތަކުގެ ވެރިންނާއި، އދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ. އދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.