ޚަބަރު

އަލިފާނުގެ ހާދިސާއަށް ފަހު އެތައް ހާސްރުފިޔާގެ ވައްކަން


ރޭ އަލިފާނުގެ ހާދިސާގައި ހިނގި ސަރަހައްދުގައި ހުރި ބައެއް ގެތަކުން މީހުން ހުސްކޮށްފައިވަނިކޮށް އެތައް ހާސް ރުފިޔާގެ ވައްކަންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެއެއްގެ ދެ ފަނގިފިލާއަކުން ވައްކަންކޮށްފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. މިގޮތުން އެ ސަރަހައްދުގައި ހުރި ގެއެއް ގެ 7 ވަނަ ފަނގިފިލާއިން ހަތްސަތޭކަ ޑޮލަރާއި ( 10794 ރުފިޔާ ) އާއި އައި ވޮޗަކާއި އިއަރ ޕޮޑެއް ވަގަށް ނަގާފައިވާކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށައަޅާފައިވާކަމަށެވެ.

މީގެއިތުރުން ހަމަ އެގޭ ގެ 8 ވަނަ ފަނގިފިލާގައި 37200 ( ތިރީސް ހަތްހާހަސް ) އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަތައް އެ އިދާރާއިން ތަހުޤީޤުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ރޭ އިރާކޮޅު ހ ތިލަފުށިގޭގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގުދަނާއި އިތުރު ތިން ގުދަނެއްގެ އިތުރުން 6 ގެއެއް ވަނީ އަނދާހިލިވެފައެވެ. މީގެއިތުރުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ ސައިކަލްތަކެއްވެސް ވަނީ އަނދާ ބޭނުންނުކުރެވޭ ވަރުވެފައެވެ. ރޭގެ އަލިފާން ކޮންޓްރޯލުކުރުމަށް ސަލާމަތީ ބާރުތަކާއި އެކު ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެފައެވެ.