ޚަބަރު

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ޖަނާޒާ ބާއްވައިފި


މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ޖަނާޒާ ބާއްވައިފިއެވެ.

ރޭ ހިނގި އަލިފާނުގެ ހަދިސާގައި ޝައުނާ ވަރަށް ބޮޑަށް ފިހި މަރުވެފައިވަނިކޮށް ފެނުނީ ހާދިސާ ހިނގިތާ ތިން ގަޑިއެއްހާއިރު ފަހުންނެވެ.

ޝައުނާގެ ކަށުނަމާދުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އާންމުންނަށް ޝައުނާގެ މޫނު ނުދެއްކިނަމަވެސް މިއަދު 10:30 އިން ފެށިގެން މެންދުރު ނަމާދު ވަގުތާހަމައަށް އިސްލާމީ މަރުކަޒަށް ގިނަ އަދަދެއްގެ ބަޔަކު ގޮސް އޭނާއަށް ހެޔޮދުޢާކޮށްފައިވެއެވެ.

ޝައުނާގެ މައްޗަށް ކުރި ކަށުނަމާދާ، ޖަނާޒާގެ ކަންކަމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. އަދި މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި އިސްލާމީކް މިނިސްޓަރ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދިން އާއިލާގެ މެމްބަރަކު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައި ދިމާވި އުދަގޫ ހާލަތުން ސަލާމަތްވުމަށް އެގަނޑީގައި ޝައުނާ ދެ ފަހަރެއްގެ މަތިން ބޭބެއަށް ގުޅާފައިވާކަމަށެވެ. އަދި އެ ހާދިސާ ހިނގައިގެން އުޅޭކަމަށާއި ސަލާމަތް ކޮށްދިނުމަށް އެދި ބޭބެގާތުގައި އޭނާ އެދުނުކަމަށްވެސް އެމީހާ ބުނެފައިވާކަމަށެވެ.

އެމްއެންޑީއެފުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ބުނެފައިވަނީ ޝައުނާގެ އާއިލާއިން އޭނާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ތަކުރާރުކޮށް ދީފައިވާކަމަށެވެ. ނަމަވެސް އަލިފާންގަނޑު ފެތުރިގެން ދިޔަ އަވަސްކަމާއެކު އިތުރުބަޔަކަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވި ޝައުނާވަނީ އަލިފާންގަނޑުތެރޭގައި ތާށިވެފައެވެ.