ޚަބަރު

ބޮޑު އަލިފާނުގެ ޙާދިސާ : 443 މީހުންނަށް އެހީދޭ މަރުކަޒުން އެހީދީފައިވޭ


އަލިފާނުގެ ޙާދިސާއާއި ގުޅިގެން 443 މީހަކަށް އެހީދޭ މަރުކަޒުތަކުން އެހީ ދީފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. އޮތޯރިޓީން އަދިވެސްދަނީ ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

4 ގުދަނަކާއި 7 ގެއެއްގައި ރޯވި އަލިފާނުގެ ޙާދިސާގައި އާއްމުންގެ ގިނަ ބަޔަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެފައިވަނީ ކަލާފާނު ސްކޫލާއި ޢިމާދުއްދީނާއި އަދި މިނޫންވެސް އެހީދޭ މަރުކަޒުތަކުން 443 މިހުންނަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މި ހާދިސާއާ ގުޅޭ މަޢުލޫތު ދެއްވުމަށް އެމްއެންޑީއެފުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ހަސަން ވިދާޅުވީ ހޮސްޕިޓަލްތަކުން 60 އެއްހައި މީހުން ފަރުވާހޯދިއިރު، ރޭ ފަތިހާ ހަމައަށް ހޮސްޕިޓަލްގައި އެހީ ހޯދަމުން އައީ 4 ވަަރަކަށް މީހުންކަމަށެވެ. އަދި މިހާރު އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބީ 13 އާއިލާއެއްގެ 83 މީހުން. އެމީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައި. އެހީ ބޭނުންވާ މީހުން އަދިވެސް މަރުކަޒިތަކަށް އަންނަންވީ." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ 59 ބިދޭސީންނަށްވެސް ވަގުތީ ހިޔާތަކުން އެހީތެރިކަން ދެމުން އަންނަކަމަށެވެ. އަދި 60 ބިދޭސީއަކު އެމީހުންގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށެވެ.

އެމްއެންޑީއެފްގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ޙާދިސާ ހިންގުމާއި އެކު އެންމެ ބޮޑު އިސްކަމެއް ދިނީ ޢިމާރާތްތަކުން މީހުން ސަލާމަތް ކުރުމަށްކަމަށެވެ. އެގޮތުން ހާދިސާ ރިޕޯޓްކުރިތާ 7 މިނެޓްތެރޭ ވެހިކަލްތައް ފޮނުވައިގެން އެހީ ދޭން ފެށިކަމަށެވެ. އަދި އެހީ ދިނުމުގައި އެމްއެންޑީއެފާއި، އެމްއޭސީއެލްގެ 12އަށްވުރެ ގިނަ ވެހިކަލް ހަރަކާތްތެރިވިއިރު، 150އަށްވުރެ ގިނަ ސިފައިން ބައިވެރިވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމްއެންޑީއެފުންވަނީ އަނދަމުންދިޔަ ގެތަކަށްވެސް ވަދެ، އެތަނުގައި އުޅެމުންދިޔަ މީހުން ސަލާމަތްކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތަށް ގަވައިދާ ޚިލާފަށް ތަކެތި ބަހައްޓާފައިވާ ގިނަ ގުދަންތައް މާލޭގައި ހުރިކަމަށެވެ. ހުއްދަ ދެވެނީ ބްލީޗާއި، ދަވާދާއި ދަނޑުވެރިކަން ކުރާ ސާމާނު ފަދަ ތަކެތި ގުދަން ކުރަން އެކަނި ނަމަވެސް، ނުރައްކާތެރި ތަކެތި ބަހައްޓާކަން ފާހަގަވެފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިފަދަ ކަންކަން މޮނިޓަރ ކުރުން އިތުރަށް ހަރުދަނާކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިިނިސްޓަރ ވިދާޅުވީ ޕެޓްރޯލް ޝެޑުގެ ޚިދުމަތް 24 ގަޑިއިރު ދޭން ނިންމީވެސް، ޕެޓްރޯލްފަދަ ތަކެތި ޢާއްމުން އުޅޭ ތަންތާގައި ގެންގުޅުން ހުއްޓުވުމަށްކަމަށެވެ.

މި ޙާދިސާ ހިނގިކަމަށް މިހާތަނަށް އެނގިފައިވަނީ ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައިވާ ގުދަނެއްގައި އަލިފާން ރޯވެގެންނެވެ. ސަރުކާރުން ދަނީ މިކަން އިތުރަށް މޮނިޓަރކޮށް، މިފަދަ ގުދަންތަކާއިމެދު ޢަމަލު ކުރާނެ ގޮތަކާއި މެދު މަޝްވަރާކުރަމުނެވެ. ސަރުކާރުން މީގެ ކުރިންވެސްވަނީ މިފަދަ ގުދަންތައް ޢާއްމުން ނޫޅޭ ތަންތަނަށް ބަދަލުކުރުމުގެ ޕްލޭންތައް ހަދަމުންދާކަމަށް ވިދާޅުވެފައެވެ.