މާލޭގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާ ސަލާމަތް ކޮށްދިނުމަށް އެދި އެންމެފަހުގެ ފޯނުކޯލުކުރީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަށް ކަމަށް އާއިލާގެ މެމްބަރަކު ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދިން އާއިލާގެ މެމްބަރަކު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައި ދިމާވި އުދަގޫ ހާލަތުން ސަލާމަތްވުމަށް އެގަނޑީގައި ޝައުނާ ދެ ފަހަރެއްގެ މަތިން ބޭބެއަށް ގުޅާފައިވާކަމަށެވެ. އަދި އެ ހާދިސާ ހިނގައިގެން އުޅޭކަމަށާއި ސަލާމަތް ކޮށްދިނުމަށް އެދި ބޭބެގާތުގައި އޭނާ ބުނެފައިވާކަމަށެވެ.
އެމްއެންޑީއެފުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ބުނެފައިވަނީ ޝައުނާގެ އާއިލާއިން އޭނާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ތަކުރާރުކޮށް ދީފައިވާކަމަށެވެ. ނަމަވެސް އަލިފާންގަނޑު ފެތުރިގެން ދިޔަ އަވަސްކަމާއެކު އިތުރުބަޔަކަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވި ޝައުނާވަނީ އަލިފާންގަނޑުތެރޭގައި ތާށިވެފައެވެ.
އަލިފާންރޯވި ހުރިހާ ގެއަކުން މީހުން ހުސްކުރިފަހުންވެސް ޝައުނާގެ އާއިލާއިން އޭނާ ނުފެނިގެން އުޅޭކަމުގެ މައުލޫމާތު ތަކުރާރުކޮށް ހުށަހަޅަމުންދިއުމާއެކު އޭނާ ފެނޭތޯ ސިފައިން ވަނީ ނުރައްކާތެރި ހާލަތުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިހިތާމަވެރި ހާދިސާގައި ނިޔާވި ޝައުނާއަކީ އެތައް ދަރިވަރުންނެއްގެ ލޯތްބާއި އިޙްތިރާމް ހޯދާގައިވާ އުސްތާޒާއެކެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ޝައުނާގެ އާއިލާއިން އޭނާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގައި ހިއްދަތިކަމާއި، ހުއްޓުންގެނުވީ މިރޭ މެންދަމުގެ ވަގުތެއްގައި ކާކުކަން ނޭގޭވަރަށް އަދާފައިވާ މީހެއްގެ ހަށިގަނޑު ފެނުނުކަމަށް ސިފައިން ހާމަކުރެއްވި ހިސާބުންނެވެ. މިއާއެކު ޝައުނާގެ އާއިލާއާއި، އެތައް ދަރިވަރުންތަކަކާއި، ހެޔޮއެދޭ އެތައްބަޔަކަށް މާޔޫސްކަމާއި، ހިއްދަތިކަން ވަނީ ވެރިވެފައެވެ.
މި ހިތާމައަކީ 46 އަހަރުގެ ޝައުނާގެ އާއިލާއަށް އުމުރުދުވަހުވެސް ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައަކަށްވާއިރު، މިހިތާމައިގެ އެންމެބޮޑު ހިތްދަތިކަމެއް ކުރިމަތިވާނީ އޭނާގެ ލޯބި ލޯބި ދެ ކުދިންނަށް ކަމަށާއިމެދު އެއްވެސް ޝައްކެތްނެތެވެ.
މާތްﷲ ޝައުނާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.