ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަމާއި މާލީ އެހީ ފޯރުކޮށްދޭން ސަރުކާރުން ނިންމަވައިފި


މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ކަންކަން ކުރިޔަށްގެންދަވާނެ ގޮތްތަކާ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާ އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި މި ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް މުލީއާގޭގައި ބޭއްވެވި ކުއްލި ޖަލްސާގައި ވަނީ ހާލުގައި ޖެހުނު ފަރާތްތަކުގެ ކަންކަން ކުރިޔަށްގެންދެވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދަވަންވެސް ވަޒީރުންގެ މަޖުލީހުގައި ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ނިންމެވިއެވެ.

ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.

މިރޭ ހިނގި މިއަލިފާނުގެ ހާދިސާގައި އަލިފާންރޯވި ގުދަނުގެ އިތުރުން އެސަރަހައްދުގައި ހުރި ހެންވޭރުގެ ފަސްގެއް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އަދި މިހާދިސާގައި އެއިން ގެއެއްގައި ދިރިއުޅުނު މީހަކުވަނީ ނިޔާވެފައެވެ.