ސިޔާސީ

މާދަމާގެ އެއްވުމާއި ގުޅިގެން ސިފައިންނާއި ފުލުހުން މަޝްވަރާކޮށްފި


އެމްޑީޕީ އިން އިސްނަގައިގެން މާދަމާ މާލޭގައި ބާއްވާ އެއްވުމާ ގުޅޭގޮތުން އެމް.އެން.ޑީ.އެފް އާއެކު ފުލުހުން މަޝްވަރާކޮށްފިއެވެ.މިއަދު އިސްކަންދަރު ބިލްޑިންގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި، އެއްވުމާއި ގުޅިގެން ފުލުހުން ވަމުންދާ ތައްޔާރިތަކާއި އެ އެއްވުމާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް ރާވާފައިވާގޮތް ސިފައިންނާއި ޙިއްޞާކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.މީގެ އިތުރުން މި އޮޕަރޭޝަންގައި ފުލުހުން ޢަމަލު ކުރާނެ ގޮތްތަކާއި ސިފައިން ޢަމަލު ކުރާނެ ގޮތްތަށް ދެފަރާތުންވެސް ވަނީ ޙިއްޞާ ކޮށްފައެވެ. އަދި މާދަމާ ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި ދިވެހި ސިފައިންގެ ފުރިހަމަ އެހީތެރިކަން ލިބިގެން ދާނެ ކަމުގެ ޔަޤީންކަންވެސް ސިފައިން ދީފައިވާކަމަށް ފުލުހުން ބުނެއެވެ.އެމް.ޑީ.ޕީން އިސްނަގައިގެން މާދަމާ ރޭ ބާއްވާ އެއްވުމާ ގުޅިގެން ކުރިޔަށްދާ އޮޕަރޭޝަނަށް ފުލުހުންނާ ސިފައިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ.މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ އިސް އޮފިސަރުންގެ އިތުރުން މާދަމާގެ އެއްވުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.