ޚަބަރު

ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި


ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި މިސްކިތް ރޭވުން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވަރުވާ ކަނުގެ ގައު ބަހައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމދު ޞާލިހެވެ.

ޗާންދަނީމަގާއި މެދުޒިޔާރަތްމަގު ގުޅޭ ސަރަހައްދުގައި އިހުގައި ޓަކިބޭ މިސްކިތް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދިޔައީ މިސްކިތުގެ ވަރުވާ ކަނުގެ ގައު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ ބެހެެއްޓެވުމާއެކުގައެވެ.

ވަރުވާ ކަނުގެ ގަލަކީ އިހުޒަމާނުގައި މިފަދަ އިމާރާތްތަކާއި ގެތަކުގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ބަހައްޓާ ގަލެވެ.

ރައީސުލްޖުމްހޫރިއްޔާއަށްފަހު ދެން ގައު ބަހައްޓަވައި ދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާ، ދައުލަތުގެ ވަޒީރުންގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިންނާއި ސިޓީ ކައުންސިލުގެ މެންބަރުންނާއި ދައުލަތުގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނެވެ. މިބޭބޭފުޅުންގެ ތެރޭގައި ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިޔާ ކުރީގެ ވަޒީރު އުމަރު ޒާހިރާއި، ކުރީގެ ދިވެހިބަހާއި ތާރީޚަތް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އައްބާސް އިބްރާހީމްވެސް ހިމެނިވަޑައިގަންނަވައެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު މަހާރަދުން މާލޭގައި ބިނާކުރެއްވި ކަޅުވަކަރު މިސްކިތް މީގެ ކުރިން ތަފާތު ތިން ތަނަކަށް ބަދަލުކޮށްފައިވެއެވެ. އެގޮތުން އޭރުގެ ރަދުންގެ ގަނޑުވަރުގައި ބިނާކުރި އެމިސްކިތް މަޖީދީ މަގާ ކަރަންކާ މަގު ގުޅޭ ސަރަހައްދުގައިވެސް ބެހެއްޓިގެންދިޔައެވެ. އޭގެފަހުން ކަޅުވަކަރު މިސްކިތް ފުރަނަ ފުއްޓަށް ސަރުކާރުން ވިއްކާލިކަމަށްވެއެވެ. އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލްޤައްޔޫމުގް ވެރިކަމުގެ ކުރީކޮޅު އެމިސްކިތް އަނބުރާހޯއްދަވައި ސަލްޓަންޕާކުގެ އިރުއުތުރު ފަރާތުގައި ބެއްހެއްޓުނެވެ. ނަމަވެސް ކުރީގެ ސަރުކާރުން ސަލްޓަންޕާކު ތަރައްޤީކުރުމަށް އެމިސްކިތް ސަލްޓަންޕާކުގައި ހުރި ސަރަހައްދުންނަގައި، ގދ. ތިނަދޫއާއި ހުޅުމާލެއަށްވެސް ބަދަލުކުރަން ނިންމެވިއެވެ.

މިކަމާއި ރާއްޖޭގެ ސަޤާފަތާ އާދަކާދައަށް ލޯބިކުރައްވާ އެތައްބަޔަކު ދެކޮޅު ހަދައި އެކި ޕްލެޓް ފޯމްތަކުގައި ކަންބޮޑުވުން ފާޅުކުރިއެވެ. އަދި މިހާރުގެ ސަރުކާރުގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން މިކަމާއި ގުޅޫގެން އޭރު ކޯޓަށްވެސް ދިޔައެވެ.
މިއާއެކު ސަރުކާރު ބަދަލުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވބެވަޑައިގެން ކަލުވަކަރު މިސްކިތް އޭގެ އަސްލު ނުގެއްލޭގޮތަށް މާލޭގެ މުހިއްމު ސަރަހައްދެއްގައި ބެހެއްޓުމުގެ މަސައްކަތް ފެއްޓެވިއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓެވުމަށް ފުރަތަމަ ގައު ބަހައްޓަވައިދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ އަދުގެ ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށާއި، ރާއްޖޭގެ ތަރަިކައާ ސަގާފަތް އާލާކޮށްދިރުވުން މާރަނގަޅަށް މީގެކުރިން ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަޒީރާ ވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި މިއަދު ފެށިގެން މިދިޔައީވެސް މުހިއްމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެޓުމުގެ މަސައްކަތް މިއަދު ފެށިގެން ދިއުމާއި ގުޅިގެން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއްކަމަށާއި، ކަޅުވަކަރު މިސްކިތަކީ މާލޭ ރައްޔިތުންގެ ތަރިކައެއްކަމަށެވެ. އެހެންކަމުން އެމިސްކިތް އަލުން މާލޭގައި ބެހެއްޓިގެން ދިއުމަކީ އުފާފުޅުކުރައްވާކަމެއްކަމަށެވެ. 200 އަހަރު ވެފައިވާ ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ފެނިގެންދާ ކަޅުވަކަރު މިސްކިތް މާލޭގައި އަލުން ބެހެެއްޓިގެދާއިރު، ކުރިއަށް އޮތްތަނުގައި މިމިސްކިތް ހުންނާނީ ނަމާދުކުރެވޭ އަދި މިސްކިތް ބަލާލަން އަންނަ ފަރާތްތަތަކަށްވެސް ފެންނާނެގޮތަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިގެންނެވެ.

މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރަން ނިންމާފައިވަނީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމަކުންނެވެ.