ޚަބަރު

ރިޟްވާންގެ މަރުގެ މައްސަލާގައި ދަޢުވާކުރެވޭވަރަށް ހެކި ލިބިއްޖެ، އަންނަ ހަފްތާގަ ޕީޖީއަށް ފޮނުވާނެ - ރައީސް


ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ދަޢުވާ ކުރުމަށް އަންނަ ހަފްތާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާނުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުގެ ހުރިހާ މަސައްކަތެއް ނިންމާ ރިޕޯޓް އެކުލަވާލައްވާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ދައުވާކުރަންޖެހޭ ފަރާތްތަކާމެދު ދަޢުވާކުރުމަށް އަންނަ ހަފްތާގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރިޞްވާންގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ. އެރިޕޯޓުގައި ރިޞްވާން މަރާލުމުގައި ބައިވެރިވި ފަރާތްތަކާއި އެކަމުގައި އެހީތެރިވި ފަރާތްތަކުގެ މަޢުލޫމާތު ހިމަނާފައެވެ. ރިޟުވާންގެ މަރުގެ މައްސަލާގައި މާލެއާއި އައްޑޫސިޓީގެ ބައެއް ތަންތަނާއި، ކަނޑުމަތިން ބައެއް އުޅަނދުތައް ބަލާފާސްކޮށްފައިވާތީ އެކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރިޞްވާންގެ މަރުގެ މައްސަލާގައި ދައުވާ ސާބިތުކުރެވޭނެ އިތުރު ހެކި ހޯދިފައިވާކަމަށެވެ.

"ކޮމިޝަންގެ ހޯދުންތަކަށް އިތުރު ބާރު ހޯދުމުގެ ގޮތުން ބޭނުންވާ ހެކި އެ ހޯދީ. މިހާރު ޤާނޫނު އޮންނަގޮތުން މިހާރު ބަންދުގައި ބަހައްޓައިގެން ދައުވާކުރުމަށް މި ލިބެނީ 30 ދުވަސް. ކޮމިޝަނުން މަޢުލޫމާތު ދިނީ އޭރު މީހުން ހައްޔަރުކުރެވި ތަޙްޤީޤް ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމަށް ފަހަރުގަ ދަތިވެދާނެ. އެއީ ރިސްކެކޭ. އެހެންވެއްޖާ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވިދާނެ. އެހެންވީމަ ރަނގަޅަށްބަލާ ދައުވާކުރެވޭވަރަށްވުރެ ބޮޑަށް، ނޫނީ ތަޙްގީގް ކުރެވޭވަރަށް ހެކި ހޯދުމަށްފަހު ނޫނީ މީހަކު ހައްޔަރުކޮށްގެން ތަޙްޤީޤްކުރުމަކީ ދަތިކަމަކަށްވާނެ. އެއާ ގުޅިގެން ހުށައެޅިފަ އޮތް ޓެރަރިޒަމްގެ ޤާނޫނަށް ހުށައެޅިފަ އޮތް އިޞްލާހުގެ ތެރޭގައި ވާނެ އެ ބަދަލުކުރަން އެދިފައި." ރައީސް ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންގެ ތެރެއިން ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓްވެސް ނިމިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ މައްސަލައިގެ ރިޕޯޓު އާންމުކުރުން މަޑުޖައްސާލާފައިވަނީ ޝަރީއަތުގައި އެ މައްސަލަ ކުރިއަށްދާތީކަމަށެއެވެ. މީގެ އިތުރުން އަނިޔާވެރިގޮތަކަށް މަރާލާފައިވާ ރ.މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ރިޕޯޓްވެސް ނިމިފައިވާކަމަށާ، ނަމަވެސް 2 މީހެއްގެ ފަރާތުން ލިބެންޖެހޭ މަޢުލޫމާތު އަދި ނުލިބޭތީ އެރިޕޯޓް މުޅިން ފުރިހަމަ ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގައި މަރުވެފައިވާ ރައުދާ އާތިފްގެ މަރުގެ މައްސަލަވެސް މިހާރު ބަލައިނިމި ރިޕޯޓް ޢާންމުކުރުމާ ހަމައަށް ދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި މަރުގެ މައްސަލަތަކާއި ގުޅޭ ގިނަ އިޞްލާހުތަކެއް ޓެރަރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، އެ ޤާނޫނަށް ހުށައެޅި އިޞްލާޙުތަކަކީ ޙަޤީޤީ ޓެރަރިސްޓުންނަކީ ކޮންބައެއްކަން ދެނެގަނެގަތުމުގެ މަޤްޞަދުގައި ހުށައެޅި އިޞްލާޙުތަކެއްކަމަށެވެ. ރައީސް ވަނީ އެ އިޞްލާހުތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ އިޞްލާހުތައް ގެނައުމުން ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުމާއި، އެކި ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތައް ހޯދާ ދެނެގަނެވި އިންސާފް ހޯދުމަށް ޤާނޫނުގެ ކުރިމައްޗަށް ގެނެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ ޓެރަރިސްޓް ޖަމާއަތަކާއެކު މަސައްކަތްކުރިނަމަވެސް މިހާރު ޤާނޫނު އޮންނަ ގޮތުން އެކަން ސާބިތުކުރެވޭނެގޮތެއް ނޯންނަކަމަށާއި، ޓެރަރިޒަމާއި ގުޅޭ ޖަމާއަތްތަކަކީ ކޮބައިކަން ޤާނޫނުގައި ކަނޑައެޅުމުން ޓަރަރިޒަމްގައި ބައިވެރިވާ ފަރާތްތައް ހާމަކޮށް އެފަރާތްތައް އެނގުމުން ފިޔަވަޅުވެސް އެޅޭނެކަމަށެވެ. ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނު މިހާތަށް ބޭނުންކޮށްފައި އޮތީ ހަޤީޤީ ޓެރަރިޒްޓުންނަށް އަމާޒުކޮށްގެން ނޫންކަމަށާއި، އަމާޒުކޮށްފައިހުރީ ސިޔާސީ ލީޑަރުންގެ މައްޗަށްކަމަށެވެ.

"އޭގެ ގެއްލުން އައީ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ވެރިންނަށް. އަދިވެސް އެހެން އެކަން ހިނގާފާނެކަމުގެ ބިރުގަ އެ ކަންބޮޑުވުން މި އޮންނަނީ. އެހެންނަމަވެސް އަޅުގަނޑުމެނެއް ހަމަގައިމުވެސް ޓެރަރިޒްމްގެ ޤާނޫނެއް އެގޮތަކަށް ބޭނުމެއް ނުކުރާނަން."

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކުގެ ތެރޭގައި ޤާނޫނު އަސާސީއާއި ފުށުއަރާ ބައެއް މާއްދާތައް ހުރުމުން، މަޖިލީހުގެ ތެރެއިން އެކަންކަމަށް ހައްލު ހޯދާނެކަމަށް. އަދި އެ އިޞްލާހުތަކާއި ގުޅޭގޮތުން ޕީޖީ ގްރޫޕާއި ވަރަށް އަވަހަށް މަޝްވަރާކުރައްވާނެކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި.