ޚަބަރު

ރަޝިޔާއިން ހަތިޔާރު ގަތުމުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ޤަބޫލެއްނުކުރަން: ތުރުކީވިލާތް


ތުރުކީވިލާތުން ރަޝިޔާގެ ދިފާޢީ ނިޒާމެއް ގަތް ސަބަބު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިހާރު ވިސްނިވަޑައިގެންފައިވާކަމަށާއި މި މައްސަލައިގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމަށް ޤަބޫލު ނުކުރާކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

އެމެރިކާގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ތުރުކީވިލާތުގެ ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވީ މިކަމުގައި އެމެރިކާގެ ބަސްމަގު މިހާރު ހުރި ގޮތުން މި މައްސަލައިގައި އެމެރިކާއިން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ޚިޔާލު ދޫކޮށްލައިފިކަމަށެވެ. އަދި މިކަމުގައި ތުރުކީވިލާތުގެ މަޖުބޫރީ ޙާލަތު އެމެރިކާގެ ރައީސް ޓްރަމްޕަށް ވިސްނިވަޑައިގަންނަވާކަމަށާއި ރަޝިޔާއިން މިފަދަ ނިޒާމެއް ގަންނަން ޖެހުނީ ކީއްވެގެކަންވެސް މިހާރު ޓްރަމްޕަށް އެނގިވަޑައިގަންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ އެސް-400 ދިފާޢީ ނިޒާމް ތުރުކީވިލާތުން ގަތް މައްސަލައިގައި އެމެރިކާއާ ތުރުކީވިލާތާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، މި ނިޒާމްގެ ބައިތައް ރަޝިޔާއިން ތުރުކީވިލާތަށް ފޯރުކޮށްދޭން ފެށުމުން އެމެރިކާއިންވަނީ އެ ޤައުމުން އުފައްދާ އެފް-35 ހަނގުރާމަ މަތީ މަތިންދާބޯޓު އުފެއްދުމާ ގުޅޭ މަޝްރޫއުން ތުރުކީވިލާތް ވަކިކޮށްފައެވެ. އެމެރިކާއިން ބުނެފައިވަނީ ރަޝިޔާގެ ނިޒާމަކީ ނޭޓޯގެ އެހެން ހަތިޔާރުތަކާއެކު ބޭނުންކުރެވޭނެ ނިޒާމެއްނޫންކަމަށާއި މި ނިޒާމުގެ ސަބަބުން ނޭޓޯގެ ޤައުމުތަކުން ބޭނުންކުރާ އެހެން ހަތިޔާރުތަކަށްވެސް ގެއްލުންވުމަކީ އެކަށިގެންވާކަމެއްކަމަށެވެ.