ޚަބަރު

ދިވެހިންގެ ތެރޭގައި އުފެދުމުގައި ސިކުނޑީގެ ޚާއްޞަ ވަކި މައްސަލައެއް ހުންނަ މިންވަރު ގިނަކަން އޭޑީކޭއިން ހެދި ދިރާސާއަކުން ދައްކައިފި


ދިވެހިންގެ ތެރޭގައި އުފެދުމުގައި ސިކުނޑީގެ ޚާއްޞަ ވަކި މައްސަލައެއް ފެންނަ މިންވަރު ގިނަކަން އޭޑީކޭއިން ހެދި ދިރާސާއަކުން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އޭޑިކޭއަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންގެ މެދުގައި ހެދި ދިރާސާއަކުންނެވެ.

އޭޑިކޭގެ ޑޮކްޓަރުންގެ ޓީމަކުން ކުރި މިދިރާސާއިން ދައްކާގޮތުގައި ދިވެހިންގެ ތެރެއިން ޢާއްމުކޮށް ބޮލުގައި ރިއްސާތީ ފަރުވާ ހޯދަން އަންނަ މީހުންނަށް އެހެން ދިމާވަނީ ބޮލުގެ ފަހަތުގެ ނާށިގަނޑުގައި ހުންނަ ލޯވަޅަކުން ސިކުނޑީގެ ބައެއް ނުވަތަ މަސްކޮޅެއް ތިރިޔަށް ފައިބާފައި ހުރުމުންކަމަށް ފާހަގަވެފައިވާކަމަށެވެ. އަދި އެތަނުން ބޭރަށް ނުކުމެފައި އެ ހުންނަ މަސްކޮޅާއި މައިބަދަ ފިތޭގޮތް މެދުވެރިވެ އިތުރު އުނދަގޫތަކާއި ބަލިތައް ޖެހޭކަމަށް މިދިރާސާއިން ދައްކައެވެ. އެގޮތުން މިކަމުގެ ސަބަބުން ހިނގަން އުނދަގޫވުމާއި ބޯ އެނބުރުމާއި ބޮލުގައި ރިއްސުމާއި އަތް އައްސިވުވުން ފަދަކަންކަން މެދުވެރިވާކަމަށް މި ދިރާސާއިން ދައްކައެވެ.

އޭޑިކޭއިން ކުރިއަށްގެންދިޔަ މި ދިރާސާއާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިދިރާސާ ކުރިއަށްގެންދިޔުމުގައި އިސްކޮށް އުޅުއްވި އަދި އޭޑީކޭ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އިން ނިއުރޯސަރޖަރީ ޑރ.ޢަލީ ނިޔާފް ވިދާޅުވީ ހޮސްޕިޓަލުގެ އޯޕީޑީއަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް 4.5 އިންސައްތަ މީހުންގެ ކިބައިން މިބަލި ފެނިފައިވާކަމަށެވެ. އަދި މިބަލި ޢާއްމުކޮށް ފެންނަނީ ޢުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެނުންގެ ކިބައިންކަމަށްވެސް ޑރ.ޢަލީ ނިޔާފް ވިދާޅުވިއެވެ.

ޢަލީ ނިޔާފް ވިދާޅުވީ ދުވާލެއްގެ މައްޗަށް ފަރުވާ ހޯދަން އަންނަ މީހުންގެ ނިސްބަތުން ބަލި ފެންނަ އިންސައްތައަށް ބަލާއިރު މެޑިކަލް ވިސްނުމަކުން މިއީ ޕަބްލިކް ހެލްތް ރިސްކަކަށްވެދާނެކަމަށް ލަފާކޮށް މުޅި މުޖުތަމަޢު ހިމެނޭގޮތަށް ކޮމިއުނިޓީ ބޭސްޑް ރިސަރޗެއް ކުރިއަށްގެންދަންޖެހޭކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ މީހުންނާއި ތަފާތުކޮށް ދިވެހިން އުފެއްދުމުގައި ސިކުނޑީގަ ހުންނަ މިމައްސަލަ ޢާއްމުވާ ސަބަބު ދެނެގަތުމަކީ މުހިއްމުމަކަމެއްކަމަށް ޑރ.ޢަލީ ނިޔާފު ވިދާޅުވިއެވެ. އެގޮތުން މިކަން ކުރުމަށް ހެލްތު މިނިސްޓްރީއަށް އެއްބާރުލުންދޭން އޭޑިކޭއިން އޮތީ ތައްޔާރަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބްރެއިން އެންޑް ސްޕައިން 2019 ގައި ޢާއްމުކުރި މި ދިރާސާ ކުރިއަށްގެންދިޔުމަށް ބޮލުގެ ޙާއްސަ އެމްއާރްއައި ސްކޭންތަކެއް ހަދައިގެން އޭޑީކޭގެ މެޑިކަލް ޓީމުން ކުރި ދިރާސާއަކީ ރާއްޖޭގައި ދިރާސާކުރުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމަށް އެހޮސްޕިޓަލުންދެކެއެވެ.

ދިރާސާގެ މުހިއްމުކަމުގެ މައްޗަށްވެސް އަލީ ނިޔާފް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ޢާއްމުވަމުން އަންނަ ބަލިތައްކަމުގައިވާ ކެންސަރާއި ސްޓްރޯކް ފަދަ ބަލިތައް ދިރާސާކޮށް ކުރިއާލާ ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަނެވޭނަމަ ފުރާނަ ސަލާމަތްކުރުމުގެ ފުރުޞަތު ބޮޑުވާނެކަން ޑރ.ޢަލީ ނިޔާފްވަނީ ފާހަގަކުރައްވާފައެވެ.