ޚަބަރު

މާލޭ ވިޔަފާރިބަނދަރުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި


މާލޭ ވިޔަފާރިބަނދަރުގައި މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުވާލައިފިއެވެ. މި ފުރުސަތަކީ އެ ކުންފުނިން ޓިވެޓް އޮތޯރިޓީއާ ގުޅިގެން ހިންގުމަށް ނިންމާފައިވާ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ފަށާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ ދަށުން 4 ކެޓަގަރީއަކުން މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު އެމްޕީއެލްއިންވަނީ ހުޅުވާލާފައެވެ. އެމްޕީއެލްގައި ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމްގައި ހިމެނޭ ކެޓަގަރީތަކަކީ ހެވީ ވެހިކަލްތައް އޮޕަރޭޓްކުރުމުގެ ކެޓަގަރީއާއި، މެކޭނިކަލް، އިލްކްޓްރިކް، މެރިން، ބަސްޑްރައިވަރު އަދި ވެލްޑިންގ ކެޓަގަރީއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ މި ޕްރޮގްރާމްގެ ދަށުން 25 މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ހަ މަސް ދުވަހަށް ހިންގާ މިޕްރޮގްރާމްގައި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 6000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. ޕްރޮގްރާމްގައި ހިމެނޭ ކެޓަގަރީ-1 ހެވީ ވެހިކަލް އޮޕަރޭޓްކުރުމާއި، ކެޓަގަރީ-4 ބަސް ޑްރައިވަރު ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ލައިސަންސް ނަގައިދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 2ވަނަ ދުވަހެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ ޓިވެޓް އިތޯރިޓީގެ ވޮކޭޝަނަލް ޓްރެއިނިންގެ ދަށުންނެވެ. ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޓިވެޓް އޮތޯރިޓީން ޤަބޫލުކުރާ ސެޓްފިކެޓެއް ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.