ޚަބަރު

މިނިސްޓަރ ޝާހިދު ޗައިނާގެ ނައިބް ރައީސާ ބައްދަލުކުރައްވަފި


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާގެ ނައިބް ރައީސް ވާން ޗީޝާން އާއި ބައްދަލުކުރައްވަފިއެވެ.

މިބައްދަލުވުން ކުރިޔަށް ގެންދިޔައީ ފޮރިން މިނިސްޓަރ ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ހުންނަ ޖިގުއާން ޕެވީލިއަންގައެވެ. މިބައްދަލުވުމުގެ ތެރެއިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ނައިބް ރައީސް ވާން ޗީޝާންވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ ފެށުނީއްސުރެވެސް ރާއްޖޭގެ ތަރައްޤީގެ ތަސައްވަރު ޙާސިލްކުރުމުގައި އެހީތެރިވަމުންއަންނަ ޤައުމެއްކަން ފާހަގަކުރައްވައި، މިގުޅުން މިގޮތަށް ދެމިއޮންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ޗައިނާގެ ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޗައިނާއިން ދިވެހިރާއްޖޭގެ އަދި ދިވެހި ރައްޔިތުންގެ ތަރައްޤީއަށް ދެގޮތެއްނުވެ، އަބަދުވެސް އެއްބާރުލުންދީ އެހީތެރިވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރާއްޖެއާ ޗައިނާއާދެމެދު އޮންނަ ދޭދޭގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާބެހޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދު އަދި ޗައިނާގެ ނައިބް ރައީސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލްވުމުގައި ރާއްޖެއިން ޗައިނާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާއާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލާއި ސެކެރެޓަރީ ބައިލޭޓަރަލް ޑރ.ޢަލީ ނަސީރު މުޙައްމަދާއި ފޮރިން މިނިސްޓރީއާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެންބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ފޮރިން މިނިސްޓަރ ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ފޮރިން މިނިސްޓަރ ވާން ޔީއާއިވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުގެ ތެރެއިން ރާއްޖެއާއި ޗައިނާއާއި ދެމެދު މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖެއާއި ޗައިނާއާދެމެދު ކުޅިވަރާބެހޭ އެއްބަސްވުމަކާއި އިޤްތިސާދީ އެއްބާރުލުމާބެހޭ އެއްބަސްވުމެއްގެ އިތުރުން ދެޤައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާބެހޭ އެގްރީމަންޓެއްގައި ސޮއިކުރެވޭނެއެވެ.