ޚަބަރު

ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވާނެކަމުގެ ޔަޤީންކަން، އޭ.އައި.އައި.ބީން ދީފި


ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް އެހީތެރިވެދޭނެކަމުގެ ޔަޤީންކަން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް "އޭ.އައި.އައި.ބީ" އިން ދީފިއެވެ.

އެބޭންކުން މިޔަގީންކަންދެއްވާފައިވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އެބޭންކުގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ޑީ ޖަގަތީސާ ޕާންޑިއަން އާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އޭޝިއަން އިންފްރާސްޓްރަކްޗަރ ބޭންކްގެ މައި އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ބެހޭ ގޮތުން އެބޭންކުގެ އިސްވެރިންނަށް މިނިސްޓަރ ޝާހިދު މަޢުލޫމާތު ދެއްވިއެވެ.

އޭ.އައި.އައި.ބީގެ ނައިބު ރައީސް ޕާންޑިއަންގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެ ބޭންކުގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، މިބައްދަލުކުރެއްވުމުގައި އޭ.އައި.އައި.ބީއާ ގުޅިގެން އިތުރަށް މަސައްކަތް ކުރުމާއި ބެހޭ ގޮތުންވެސް ދެފަރާތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ.ޢަލީ ނަސީރު މުޙައްމަދާއި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގިޝަން އާއި ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވާންގް ޔީއާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވަން ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.