ޚަބަރު

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޔުނައިޓެޑް ވިކްޓްރީން އީގަލްސް ހިފަހައްޓައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީން ކުލަބު އީގަލްސް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ޤައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން 40 ދުވަހަށް ލީގު މެދުކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗު ނިމުނީ ފޯރިގަދަ ކުޅުމަކަށްފަހު 4-4 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ، ލީޑު ނެގީ އީގަލްސުންނެވެ. މި ލަނޑު މެޗުގެ 17ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޙުމަދު ރިޒުވާން (ރިޒޭ)އެވެ. އީގަލްސްގެ ދެވަނަ ލަނޑު 24ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. އޭނަ ލަނޑު ޖެހިތާ 5 މިނެޓު ފަހުން ރިޒޭވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-3ން އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑް ވިކްޓްރީން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އީގަލްސްގެ ގޯލަށް ބާރުބޮޑުކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 50ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓްރީގެ ސިލިޗްވަނީ އެ ޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޔުނައިޓެޑް ވިކްޓްރީން ޖެހި ދެވަނަ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސިލިޗެވެ.

އޭގެ މިނެޓެއް ފަހުން އީގަލްސްގެ މުޙައްމަދު ނާއިމްވަނީ ލަނޑެއް ޖަހާ އީގަލްސަށް މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްދިނެވެ. ނަމަވެސް، ކައިރިކައިރީގައި މިރާހް މުޙައްމަދު 2 ލަނޑު ޖަހާ ޔުނައިޓެޑް ވިކްޓްރީއަށް ނަތީޖާ އެއްވަރުކޮށްދިނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން ގެއްލުނު ތިން ޕޮއިންޓަކީ މުޙިއްމު ތިން ޕޮއިންޓްކަމަށެވެ. މޯހަން ބުނީ މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅެ 0-3ން ކުރީގައި އޮތް ނަމަވެސް ކުޅުންތެރިންނަށް ފަހުން ފަރުވާކުޑަކޮށްލެވުނީކަމަށެވެ.

"މާބޮޑަށް ފަރުވާވެސް ކުޑަކޮށްލެވުނީ. އަމިއްލަ ގޯސްތައް ގިނަވެގެން ގެއްލިގެންދިޔަ މެޗެއް މިއީ. ފުރަތަމަ ހާފުގައި އެވަރުގެ ލީޑެއް ލިބުނީމާ ދެ ވަނަ ހާފުގައި ފަރުވާކުޑަކޮށްލެވުނީ. ލިބިފައި އޮތް މެޗެއް މި ގެއްލުނީ،" މޯހަން ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުން މޮޅުނުވެވުނީ ލިބުނު ފުރުޞަތުތައް ބޭނުން ނުކުރެވުމުންކަމަށެވެ. އަދި ފަހު ހާފުގައި ކުރި ވަރަށް ފުރަތަމަ ހާފުގައި މަސައްކަތް ކުރިނަމަ މޮޅެއް ލިބުނީސްކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، މިއީ ހިތްހަމަޖެހޭ ނަތީޖާއެއްކަމަށް ނަޒީހު ބުންޏެވެ.

"މާބިރުން ތިބީ. ކުޑަކުދިންތަކެއް އުޅޭހެން އުޅުނީ. މެޗުގެ އެންމެ ހުސް ފުރުޞަތުވެސް ލިބުނީ ޔޫވީއަށް. ދެ ވަނަ ހާފުގައި މަސައްކަތް ކުރި ވަރަށް ފުރަތަމަ ހާފުގައި މަސައްކަތް ނުކުރެވުމުން މިހެންމިވީ. ދެން ޖުމްލަކޮށް މެޗާއިމެދު ހިތްހަމަޖެހޭ. މިއީ މިދިޔަ 40 ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ،" ނަޒީހު ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރެއާއި މާދަމާވެސް މެޗުތައް ކުޅޭނެއެވެ. އެގޮތުން، މިރޭ ކުޅޭނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާއި ދެވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.