ޚަބަރު

އިޖްރިމާއީ ބޭނުންތަކަށް މާލެއިން ތަރައްޤީކުރާނެ ބިންތައް މިހާރުވަނީ ކަނޑައަޅާފައި - ޕްލޭނިންގ މިނިސްޓްރީ


މާލޭ ރީ-ޑިވެލޮޕްމަންޓްގެ މަސައްކަތަށް ބޭނުންވާ ބިންތައް ކަނޑައެޅުމުގެ މަސައްކަތް ނިންމައި، އެތަންތަން ތަރައްޤީކުރާނެ ގޮތުގުގެ ކޮންސެޕްޓްތައް ހެދުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީންވަނީ ފަށާފައެވެ. މާލޭ ރީ-ޑިވެލޮޕްމެންޓް ޕްލޭންގެ ދަށުން ވިލިނގިއްޔާއި ގުޅީފަޅުގައިވެސް ބޮޑެތި މަޝްރޫޢުތަކެއް ހިންގާނެއެވެ.

ވެރިރަށް މާލެއަކީ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅޭ ސިޓީއަށްވެފައި، މާލޭގެ ހިތްފަސޭހަކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދެއެެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މާލޭގައި ސަރުކާރުން އިތުރު އުސް ޢިމާރާތްތައް ނެހެދުމަށް ނިންމާފައިވާއިރު، ސަރުކާރުން މަސައްކަތްކުރައްވަމުން ދަނީ މާލެއަކީ މީހުންނަށް ނުކުމެލައި އުޅެން ފަސޭހަ ތޮޖެހުން ކުޑަ، ހިތްފަސޭހަ މައިދާންތައް ގިނަ ތަނަކަށް ހެދުމެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލާއި ޕްލޭނިންގ މިނިސްޓްރީ ގުޅިގެން މާލޭގެ ރީ-ޑިވެލޮޕްމަންޓް ޕްލޭންގެ މަސައްކަތް މިހާރު ފަށައިގެންދަނީ ކުރިއަށެވެ. މާލޭގެ ރީ-ޑިވެލޮޕްމެންޓް ޕްލޭންގެ ތެރޭގައި މުޅި މާލޭ ސަރަޙައްދުގައި ހިމެނޭ މަޝްރުޢުތައް ހިމަނާފައިވެއެވެ.

މާލޭގައި ޢާއްމުނަނަށް ބޭނުންކުރެވޭ ހުސް ޖާގަ އިތުރުކުރުމަށް، އެފަދަ 6 ތަނެއް ތަރައްގީގެ ޕްލޭންގައިވަނީ ހިމަނާފައެވެ. މީގެތެރޭގައި ކާނިވާ ސަރަޙައްދާއި ސިޓީ ޕާކާއި މަޖީދީ މަގު މާފަންނުގައި އޮންނަ ފިނި ޕާކާއި ހެންވޭރު ސޯމިލާއި ހެންވޭރު އަރޓިފިޝަލް ބީޗާއި ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމުގެ ޕްލޭން ހިމެނެއެވެ.

މީގެތެރެއިން މިހާތަނަށް ފަށާފައިވަނީ ލޮނު ޒިޔާރަތްކޮޅު ތަރައްޤީކުރުމުގެ މަސައްކަތާއި ހެންވޭރު އަރޓިފިޝަލް ބީޗުގެ ގިނަ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. ބާކީ ހުރި ތަންތަން ތަރައްޤީކުރާނެ ގޮތުގެ ޕްލޭން ހަދަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މަގުތައް ޒީނަތްތެރިކުރުމަށްޓަކައި، ނެއިނބަރހުޑް ސްޓްރީޓް ލޭންޑް ސްކޭޕިންގ ޕްލޭންތަކެއް ދަނީ ތައްޔާރުކުރަމުންނެވެ.

މާލޭ ރީ-ޑިވެލޮޕްމަންޓް ޕްލޭންގައި، މާލެ ހިމެނޭ މުޅި ސަރަޙައްދު ހިމެނެއެވެ. މީގެތެރޭގައި ވިލިމާލޭގައި ޕަބްލިކް އޯޕަން ސްޕޭސްގެ ގޮތުގައި ތަރައްޤީކުރާ ތަންތަން ހިމެނެއެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ ވިލިމާލެއިން މިފަދަ ބިންތައް ފާހަގަކޮށް ބިންތައް ތަރައްޤީކުރާނެ ގޮތުގެ ކޮންސެޕްޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ފަށާނެކަމަށެވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވިލިމާލޭގައި ސެންޓްރަލް މަރކެޓެއް ތަރައްޤީ ކުރުމަށްޓަކައި، ކޮންސެޕްޓާއި ޑީޓެއިން ކުރެހުންތައް ނިންމައި، ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

މާލޭ ރީ-ޑިވެލޮޕްމަންޓް ޕްލޭންގައި ގުޅީފަޅު ތަރައްޤީކުރުންވެސް ހިމެނެއެވެ. އެގޮތުން ގްރޭޓަރ މާލެ އަރބަން ރީޖަނަލް ޑިވެލޮޕްމަންޓްގެ ދަށުން، މާލޭ ޕޯޓް ގުޅީ ފަޅަށް ބަދަލުކޮށް، ގުޅީފަޅު ލައިޓް އިންޑަސްޓްރިއަލް ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރަންވަނީ ނިންމާފައެވެ. މިގޮތުން މާލޭ ނޯތު ހާބަރާއި، ގުޅީފަޅު ތަރައްޤީކުރާނެ ގޮތުގެ ޕްލޭންތައް ދަނީ ހަދަމުންނެވެ. މިކަމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ފަށާވަރަށް މަރސްޓަރ ޕްލޭންގެ ޓައިމްލައިންވަނީ އެކުލަވާލާފައެވެ.

މީގެއިތުރުން މާލޭ ސަރަަޙައްދުގެ ޕިކްނިކް އައިލޭންޑްގެ ކޮންސެޕްޓް ޕްލޭން ތައްޔާރުކޮށް، ޢަމަލީ މަސައްކަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭންގައި އިތުރު 16 ބިމެއް ޢާއްމު އިޖްތިމާއީ ތަރައްޤީތަކަށް ބޭނުންކުރުމަށްވަނީ ހަމަޖައްސާފައެވެ. މީގެތެރޭގައި، މާފަންނުގައި ސްޕޯޓްސް އޭރިއާއެއް ތަރައްޤީކުރުމާއި، މާފަންނު ސްޓޭޑިއަމް ބިިލްޑިިންގްއާއި، ސަލްޓަންޕާކާއި އަރޓީފިޝަލް ބީޗުގައި ކެފޭ ހެދުމާއި، އައުޓް ޑޯރ ޖިމާއި، އަމިއްލަ ކުންފުންޏަކަށް ޕްލާސްޓިކް ރިސައިކަލް ކުރަން ބިމެއް ދިނުމާއި، މީގެއިތުރުންވެސް އިތުރު 10 ބިމެއް އާއްމު އިޖްތިމާއީ ބޭނުންތަކަށް ހަމަޖެއްސުން ހިމެނެއެވެ.

ސަރުކާރުގެ ޢަމާޒަކީ 5އަހަރަށް ބަހާލައިގެން މާލޭގެ ރީ-ޑިވެލޮޕްމަންޓް ޕްލޭންގެ މަސައްކަތް ކުރިއަށްގެންދިއުމެވެ.