ތަޢުލީމު

ބާ ޖަމާލުއްދީނުގައި ކިޔަވާ ކްލާސްތައް ކުރީގެ އެމްއީއެސްއަށް


މިމަހުގެ 14 ވަނަދުވަހުގެ ނިޔަލަށް ބާޖަމާލުއްދީން ހުރި އިމާރާތް ޤައުމީ ޔުނިވާސިޓީން ހުސްނުކޮށްފިނަމަ ކަމާބެހޭ ފަރާތްތަށް މެދުވެރިކޮށް އެއިމާރާތް ހުސްކުރާނެކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަވަނީ އެއިމާރާތް ހުސްކުރުމަށް ދިން މުއްދަތު ހަމަވުމަށް 4 ދުވަހަށް ވެފައިވާއިރު މިހާތަނަށް އެތަން ހުސްކުރުމުގެ މަސައްކަތް ޤައުމީ ޔުނިވާސިޓީން އެކަށީގެންވާ ވަރަށް ކޮށްފައި ނުވާކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އެއިމާރާތް ޤައުމީ ޔުނިވާރސިޓީއަށް ހުސްނުކުރެވިއްޖެނަމަ، ބާޖަމާލުއްދީން ސްކޫލްގައި ހިންގާ ފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވުން ހުއްޓިދާނެކަމަށްޓަކައި ކުރީގެ އެމް.އީ.އެސް ހުރި އިމާރާތުގައި އެފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ފުރުސަތު ދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.ބާޖަމާލުއްދީން އިމާރާރުގައި ހިންގަމުންދަނީ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާރޓްސް އާއި ފެކަލްޓީފޮފް ޝަރީއާ އެންޑް ލޯ އަދި ޔުނިވާސިޓީގެ ސްޓޫޑެންޓް ސަރވިސް އެވެ.ބާޖަމާލުއްދީން އިމާރާތް ހުސްކުރުމަށް އެކިފަހަރުމަތިން ސަރުކާރުން ވަނީ ޤައުމީ ޔުނިވާސިޓީއަށް އަންގާފައެވެ. އެގޮތުން މިއަހަރު ކުރީކޮޅުވެސް ބާޖަމާލުއްދީން ހުސްކުރުމަށް މުއްދަތުދީފައިވެއެވެ.އެހެންނަމަވެސް އެފެކަލްޓީތަކުގެ ކިޔެވުން ކުރިއަށްގެންދާނެ އިތުރު އިމާރާތެއް ނެތްކަމަށް ބުނެ ޤައުމީ ޔުނިވާސިޓީން އެއިމާރާތް ހުސްކޮށްފައި ނުވާތީ ސަރުކާރުންވަނީ ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމައަށް އެމުއްދަތު އިތުރުކޮށްދެއްވާފައެވެ.